އެއީ ހަމަ ކޮންމެ ބަދިގެއަކުން ވެސް އާއްމުކޮށް ފެންނަ އެއްޗެކެވެ. އެހެން ނަމަވެސް ނޭނގި އަހަރުމެންގެ ސިއްހަތަށް ގެއްލުންދޭ އެއްޗެކެވެ. އެއީ އެއްޗެހި ކޮށަން ބޭނުންކުރާ ޕްލާސްޓިކް ކަޓިން ބޯޑެވެ.

މާހިރުން ބުނާ ގޮތުގައި ޕްލާސްޓިކް ކަޓިން ބޯޑު ބޭނުން ކުރާތާ ގިނަ ދުވަސް ވުުމުން އޭގައި ހުންނަ ޕްލާސްޓިކް ކުނޑިތައް ނެއްޓޭ ގޮތްވެ އެވެ. އެއްޗެހި ކޮށަން ކޮށި ވަޅިއެއް ބޭނުންކުރާނަމަ އެ ކުނޑިތައް ނެއްޓުން އިތުރުވެ އެވެ.

ނަތީޖާއަކަށްވަނީ އެ ކުނޑިތައް ކަޓިން ބޯޑުގައި ކޮށާ ކާއެއްޗެއްސާ އެކުވުމެވެ. އެންމެ ފަހުން ކެވޭ ކެއުމުގައި އަހަރުމެންގެ ހަށިގަނޑަށް އެއްކަލަ ޕްލާސްޓިކް ކުނޑިތައް އެތެރެ ވުމެވެ.

މީގެ އިތުރުން ވެސް ޕްލާސްޓިކް ކަޓިން ބޯޑަކީ ވަރަށް ފަސޭހައިން ޖަރާސީމު އާލާވާ އެއްޗެއް ކަމަށާއި އޭގެ ޒަރީއާއިން ހަށިގަނޑަށް ޖަރާސީމުވެސް އެތެރެވާ ކަމަށް މާހިރުން ބުނެ އެވެ.

މިކަންކަމަކީ އިންސާނާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ފަސޭހައިން ބަލިތަކަށް ހުށައެޅޭ ކަންކަމަށްވާއިރު ނުރައްކާތެރި ބަލިތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެހެން ކަމުން އަވަސް އަވަހަށް ކަޓިން ބޯޑު ބަދަލުކުރުން ނުވަތަ ލަކުޑި ކަޓިން ބޯޑެއް ބޭނުން ކުރަން މާހިރުން އަންނަނީ ލަފާ ދެމުންނެވެ.