ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން އެ ނުބައި އާދައިން ސަލާމަތް ވުމަށްޓަކައި ވޭޕްގެ އެހީ ހޯދަ އެވެ. އީ ސިނގިރޭޓުގެ ގޮތުގައި ބެލެވޭ ވޭޕް ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއްތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ.
ސިނގިރޭޓު ބުއިން ހުއްޓާލައި އޭގެ ބަދަލުގައި ވޭޕް ބޭނުން ކުރަން ފަށަނީ ސިނގިރޭޓަށްވުރެ ވޭޕުން ލިބޭ ނުރައްކާ ކުޑަ ކަމަށް ހީވެފައި އޮންނާތީ އެވެ.
އެހެން ނަމަވެސް މިއީ ކުށްހީއެއް ކަމަށް ޔޫއޭއީގެ ޑޮކްޓަރުންތަކެއް މިވަނީ އިންޒާރުދީފަ އެވެ. އެހެނީ ވޭޕް ކުރުމަކީ ސިނގިރޭޓު ބުއިމާ އެއްވަރުގެ ގެއްލުން ލިބޭ ކަމެއް ކަމުގައި އެ ބޭފުޅުން ވިދާޅުވެ އެވެ.
އެގޮތުން ވޭޕް ކުރުމަކީ ވެސް ސިއްހަތަށް ނުރައްކާތެރި ބަލިތައް ކަމަށްވާ ކެންސަރާއި ސްޓްރޯކް އަދި ނިއުމޯނިއާ ފަދަ ބަލިތަކަށް މަގުފަހިވާ ކަމެއްކަން މާހިރުން ފާހަގަ ކުރެ އެވެ.
އެއާއެކު ވޭޕްގެ ފްލޭވާތަކުގައި ބޭނުންކުރެވިފައިވާ ބައެއް މާއްދާތަކަކީ ސިނގިރޭޓަށްވުރެ ވެސް ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
އެހެން ކަމުން ސިނގިރޭޓު ބުއިން ހުއްޓާލުމުގެ ބޭނުމުގައި ވޭޕް ކުރަން ފެށުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި މެންތޯލް ފްލޭވާގެ ޗުއިންގަމް ހެފުން ފަދަ ކަމެއް ކުރެވިދާނެ އެވެ.