ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދުނުކުރައްވާ ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު އޮތީ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރަރަށް ބަހުސް ކުރުމެވެ.

އެ ގަރާރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ މުސާރަ ވެސް އެކުލެވިގެންވަނީ ވަރަށް "ހެއްވާ" ކޮށް ކަމަށެވެ. މަޖިލީހަށް އައުމަށް މަސައްކަތްކުރާ ގިނަ ފަރާތްތައް މަޖިލީހުގެ މެންބަރުންގެ މުސާރައާ ގުޅޭގޮތުން ޝަކުވާ ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލަރަކަށް މުސާރައަށް 30،000 ރުފިޔާ ލިބޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ،" ޝުޖާއު ވިދާޅުވި އެވެ.

މެންބަރުންގެ މުސާރަ އެމެންބަރުން އަމިއްޔައަށް ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން ބަލައިގަންނަ ގޮތަކަށް މުސާރައާ އިނާޔަތްތައް ކަނޑައަޅަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މެމްބަރު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ލިބޭ އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް މެންބަރުކަމުން ވަކިވުމަށް ފަހު ލިބުން ރަނގަޅު ނޫން ކަމަށާއި ވަކިވުމަށް ފަހު އެ އިނާޔަތްތައް ނުލިބޭ ގޮތަށް ބަދަލުކުރަން ތާއީދުކުރައްވާ ކަމަށެވެ.

މިއަދުގެ މަޖިލީހުގައި ޝުޖާއު މެންބަރުންނަށް ލިބޭ މުސާރަ ކުޑަކަމަށް ވާހަކަ ދައްކާފައިވާއިރު މަޖިލިސް ކެމްޕޭނުގައި ޝުޖާއު ވަނީ މެންބަރުގެ މުސާރަ ކުޑަކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކާފަ އެވެ.

މި ގަރާރުގެ ބަހުސް ކުރަވަމުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ މަޖިލީހުގެ އަދަދު އިތުރުވަމުން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާސިމް އިބްރާހީމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން އެ ބިލް ބޭރުކޮށްލާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ މެންބަރުންގެ އަދަދު ކަނޑައަޅާނެ ގޮތެއް ބަހުސްކޮށްގެން ނިންމޭނެ ކަމަށެވެ. ނަމަވެސް މުސާރަ އާއި އިނާޔަތް ކުޑަކުރަން ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަންވެސް ނުފެންނަ ކަމަށް އަދި އިނާޔަތެއްވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ މެންބަރުންނަށް ލިބިވަޑައިގަންނަވާ ލިވިންގް އެލަވަންސް އިން އެ ހަރަދު ހަމަނުޖެއްސުމެވެ.

މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަ ދެއްކިނަމަވެސް މެންބަރުގެ އަދަދު މަދުކުރުމަށް ގިނަ މެންބަރުން ތާއީދު ކުރެއްވި އެވެ.