ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދެއްކެވުމަށް ފަހު، ހަރަދު ކުޑަކުރުމަށް ގުރުބާންވާން ތައްޔާރަށް ހުންނެވިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު މިއަދު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވާންޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށާއި އަދި ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ އައިއެމްއެފްގެ ޕްރޮގްރާމަށް ނުދިއުމަށްޓަކައި މަޖިލިހުގެ މެމްބަރުން ތިއްބެވީ ކޮންމެ ކަމެއްވެސް ކުރައްވަން ތައްޔާރަށް ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ލަސްނުކޮށް ފިޔަވަޅު އެޅުމަށާއި ނޭޅިއްޖެނަމަ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ޕްރޮގްރާމިން ބަޖެޓަށް ދާންޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެފަދަ ހާލަތަކަށް ގައުމު ގޮސްފިނަމަ އެންމެ އާދައިގެ ސަބްސިޑީ ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިއްޔެގެ ޖަލްސާގައި ގާސިމްގެ ވާހަކަފުޅު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅުކަމަށާއި މަޖިލިސް މެންބަރުންނަކީ އެހެން ގޮތަކުން ފައިސާ އަތަށް އަރާބައެއް ނޫންކަމަށް ވިދާޅުވެފައި ވެއެވެ. އަދި ރަށްރަށުން ވަޑައިގެން އުޅުއްވާ މެންބަރުންނަށް ލިވިން އެލަވަންސް 20000 ރުފިޔާ އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އާއްމުގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ކުލި ނުނަގާ ނަމަ ޕްރައިވެޓް ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި މިފްކޯ އަށް ސަބްސިޑީ ދޭ ނަމަ އެހެން ކުންފުނިތަކަށް ވެސް ސަބްސިޑީ ދޭން ޖެހޭނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނަވައިގެން ވިދާޅުވެފައި ވެއެވެ. ގާސިމް މި މޭރުމުން ވާހަކަ ދެއްކެވި އިރު ގާސިމްގެ އަމިއްލަ މަސްލަހަތު އޮންނަ މަހުގެ މަސައްކަތް ކުރާ ކުންފުންޏެއް އޮވެއެވެ.
ގައުމުގެ އިގްތިސާދު ނާޒުކު ހާލަތެއްގައިވާ މި ދަނޑިވަޅުވެސް ގާސިމް އަމިއްލަ އެދުން އިސްކުރައްވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ގާސިމްގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުގެ ރާގު ބަދަލުވެ އިއްޔެ ވަނީ ގިނަބަޔަކު ފާޑު ކިޔާފައެވެ. ޝުޖާއު ވަނީ މަޖިލިސް މެންބަރުންގެ މުސާރަ އަދިވެސް ކުޑަކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިންތިހާބު ވުމުގެ ކުރިން ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވަކާލާތު ކުރާނީ ބާރަށު ދާއިރާގެ މައިކުން ކަމަށެވެ.
މެމްބަރުކަން ރަތްޕާސްޕޯޓާއެކު މަޤާމާއި ބާރުވެރިކަން، ރުފިޔާއާއި ގޯތިގޯއްޗާއި ބިންްބިމާއި ފުލެޓް، މޮޅު ކާރާއި އޮޓޯއިން އެކައުންޓަށް ޑިޕޮސިޓްވާ ކަމިޝަންތައް ގިނަވެ، ބޮޑުވުމަކީ މިހާރު ރީތި އަނބިންތަކެއް ލިބުމަށްވުރެވެސް އަގުމާތްވި ކަންކަން.
މިކަހަލަ ދެކޮޅުނުޖެހޭވާހަކަދައްކާތީ ދިވެހިނ ޤާސިމުދޫކޮށްލީ