މާލޭގައި އެންމެ ފަހުން ކިޔަވައިދޭން ފެށި އިއްޒުއްދީން ސުކޫލުގެ ދަރިވަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމަށް ބައެއް ބެލެނިވެރިންނާ މަޝްވަރާކޮށްފި އެވެ.

ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި ސުކޫލުގެ މެނޭޖްމެންޓުން ވަނީ ސުކޫލު އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާ މިކަމާ މަޝްވަރާ ކުރައްވައިފަ އެވެ.

އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީގައި ބައިވެރިވަނީ. ފޮޓޯ: އިއްޒުއްދީން ސްކޫލް

މި ބައްދަލުވުމާ ގުޅޭ ގޮތުން "ހުރިހާ" އާ ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ އިއްޒުއްދީން ސުކޫލު އިމާރާތުގައި ރެނދުލާ ގެއްލުންވަމުން ދާތީ ސްކޫލްގައި މި ވަގުތު ކިޔަވަމުންދާ ދަރިވަރުން އެހެން ސުކޫލުތަކަށް ބަދަލު ކުރުމުގެ އިހްތިޔާރު ބެލެނިވެރިންނަށް އޮތްކަމަށް ސުކޫލުން ބުނެފައިވާ ކަމަށެވެ. އަދި އިއްޒުއްދީނާއި ޖެހިގެން ހުންނަ ދަރުމަވަންތަ ސްކޫލަށް މީގެ ތެރެއިން ގިނަ ކުދިންނާއި ބައެއް ޓީޗަރުން ބަދަލުކުރުމަށް ދަރުމަވަންތަ ސުކޫލާ ވާހަކަ ދެކެވިފައިވާ ކަމަށް ވެސް ސުކޫލުން ބުނެފައިވާ ކަމަށް އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ބައެއް ބެލެނިވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ބައެއް ބެލެނިވެރިން ވެސް ދަނީ މި ކަންބޮޑުވުންތައް ސަރުކާރުގެ އިސް ވެރިންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލް ހިންގަމުންދާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގި އިމާރާތެވެ. އެއްދުވަސް ވަރެއްގައި މަންދު ކޮލެޖަށް އެ އިމާރާތް ދިނުމަށް ފަހު އަނެއްކާވެސް ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެތަން އަލުން މަރާމާތުކޮށް 2020 ވަނަ އަހަރު އިއްޒުއްދީން ސުކޫލުގެ ނަމުގައި ވަނީ ހުޅުވައިފަ އެވެ.

އެ ސްކޫލުގެ ފާރުތަކުގައި ރެނދުލާފައި ވާތީ އިއްޒުއްދީން ސްކޫލްގެ ބައެއް ބައިތައް ބޭނުން ނުކުރެވޭ ކަމަށްވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.