ޓޫރިޒަމް ފުޅާކުރުމަށް ލ. އަތޮޅުގެ ތިން ރަށް ދުބާއީގެ ކުންފުންޏަކަށް ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ދާދި ފަހުން ކްލޯޒް ބިޑިންގެ ދަށުން ހުޅުވާލި ރަށްތަކުގެ ތެރެއިން ލ. އަތޮޅުގެ ތިން ރަށަކަށް މިހާރު ޕްރޮޕޯސަލް ލިބި އިވެލުއޭޓް ކުރެވި، ރައީސް މުހައްމަދު މުއިއްޒުގެ ހުއްދައާއެކުގައި ދުބާއީ ކުންފުންޏަކަށް އެވޯޑް ސިޓީ ހަވާލުކޮށްފައިވާ ކަމަށެވެ.
އެއީ ކޮން ތިން ރަށެއްކަން މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ މިހާރު އެ ކުންފުނިން އެ ތިން ރަށުގެ ތެރެއިން އެއް ރަށަށް ފައިސާ ދައްކާފައި ވާކަމަށާއި އަނެއް ދެރަށަށް ވެސް ވަރަށް އަވަށް ފައިސާ ދައްކާނެ ކަމަށެވެ. ކުރިއަށް އޮތް ދެތިން މަސްތެރޭގައި އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ނުކުޅެދިފައި ވާކަމަށާއި ނަމަވެސް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ޝަންގްރިއްލާ ހުޅުވުމަށް މިހާރު މަސައްކަތް ކުރައްވަމުން ދާކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.