މަޔާމީ (15 ޖުލައި) – އިތުރު ވަގުތުގައި ފޯވަޑް ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑާއެކު ކޮޕާ އެމެރިކާގެ ފައިނަލްގައި މިއަދު ކޮލަމްބިއާ އަތުން 1-0 އިން މޮޅުވެ، އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ކާމިޔާބާއެކު އާޖެންޓީނާ ވަނީ މިހާރު ޖުމްލަ 16 ފަހަރު ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އެމެރިކާގެ މަޔާމީ ހާޑް ރޮކް ސްޓޭޑިއަމްގައި މިއަދު ފަތިހު ފަށަން އޮތް މެޗު ފެށުނީ ޝެޑިއުލް ކުރެވިފައިވާ ވަގުތަށް ވުރެ 80 މިނިޓު ފަހުންނެވެ. މެޗު ފެށުން ލަސްވީ ޓިކެޓު ނެތް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަންނަން މަސައްކަތްކުރުމުން އުފެދުނު ހާޖާނުގަނޑާހެދި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެހެންކަމުން ކުޅުނު އިތުރު ވަގުތުގައި އާޖެންޓީނާ އިން ކުރި ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިންޓަ މިލާންގެ ފޯވަޑް މާޓިނޭޒް ޖެހި ލަނޑުންނެވެ.

މި ލަނޑާއެކު މުބާރާތުގައި ފަސް ލަނޑު ހަމަކޮށް، މުބާރާތުގެ ރަންބޫޓުވެސް ހޯދީ މާޓިނޭޒް އެވެ.

މެސީގެ ފަހު މެޗު؟

މެޗުގެ ދެވަނަ ހާފުގެ މެދުތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އަނިޔާވެގެން ބާލައިފަ އެވެ. ދަނޑުން ފައިބަން ޖެހުމުގެ މެސީ ހުރީ ރޮވިފައެވެ. އެކަމަކު މެޗު ނިމިގެންދިޔައިރު އޭނާއާށް ވަނީ އާޖެންޓީނާއާއެކު ތިން ވަނަ ތަށި އުފުލާލުމުގެ ފުރުސަތު ލިބިފަ އެވެ.

މެސީއަށް އާޖެންޓީނާއަށް އެންމެ ފުރަތަމަ ތައްޓެއް ކާމިޔާބު ކުރެވުނީ އުމުރުން 34 އަހަރުގަ އެވެ. އޭގެ ފަހުން ތިން އަހަރުގެ ތެރޭގައި ތިން ތަށި އޭނާ ވަނީ ގަައުމީ ޓީމާއެކު ހޯދައިފަ އެވެ. އެއީ މި އަހަރުގެ ކޮޕާ އެމެރިކާގެ އިތުރުން، 2021 ވަނަ އަަހަރުގެ ކޮޕާ އެމެރިކާ އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

މިހާރު އުމުރުން 37 އަހަރު މެސީ މި މުބާރާތުގައި ޖެހީ އެންމެ ލަނޑެކެވެ. އަދި މި މުބާރާތުގައި މެސީގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

އެމެރިކާ އިންޓަ މަޔާމީއަށް ކުޅެމުންދާ މެސީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސޯގައި އޮންނަ ވޯލްޑް ކަޕާ ހަމައަށް ގަައުމީ ޓީމާ ކުޅޭނެކަމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެކަމަކު މިއަދު ފައިނަލަކީ ހަމަ ޔަގީނުން ވެސް އާޖެންޓީނާގެ ވިންގާ އަންހެލް ޑިމާރިއާ ގައުމީ ޓީމަށް ކުޅޭ ފަހު މެޗެވެ. މި މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ޑިމާރިއާ ވަނީ ކުރިން އިއުލާންކޮށްފަ އެވެ.