ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއްކަމުގަ އެވެ.

'ޕެރިސް 2024 އޮލިމްޕިކްސް' ގައި ރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން...

މީގެއިތުރުން ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުޅިވަރު ތަރައްޤީކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ޚާއްޞަކަމެއްދެއްވައިގެން އިންޤިލާބީބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފަ އެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާފަހަރެވެ.