ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް އެނގޭ ރިސިޓް ހާމަކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
2022 ވަނަ އަހަރު ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ހަރަދު ކުރެއްވި ތަފްސީލްތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުން ނިމިދިޔަ ދަރުގެ ފަހުކޮޅު އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސޯލިހުގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ވެސް ހިމެނޭހެން މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. ރިސިޓްތަކާ ނުލައި ވެސް އެ މައުލޫމާތު ހާމަ ކުރެވިދާނެ ކަމަށާއި އެގޮތުން އެދިފައިވާ މައުލޫމާތު ހާމަކުރި ނަމަވެސް އެކަންކަމަށް ހައި ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ބޭނުންވާ މައުލޫމާތު ހާމަކުރުމުގައި ރިސިޓްތައް ދޭން ކޮންމެހެން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ރިސްޓްތަކުގައި ހުރި މައުލޫމާތު ހިމެނޭ އެހެން ލިޔުމެއްވެސް ދެވިދާނެ ކަމަށެވެ. އެހެންކަމުން ހައި ކޯޓުން ރިސިޓްތައް ދޭން އެންގި އެންގުން ބާތިލުކޮށްދިނުމަށް ދައުލަތުން އެދުނެވެ.
އެކަމާއި ގުޅިގެން ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރިސްޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ދެނެގަތުކަމަށް ކަމަށެވެ. ކުރިން ރިސިޓްތަކަކީ މައުލޫމާތެއް ނޫންކަމަށް ދައުލަތުން ބުނެފައި ނުވާކަމަށާއި ނަމަވެސް މިހާރު ދައުލަތުން ބުނަނީ އެއީ މައުލޫމާތެއް ނޫންކަމަށާއި އެގޮތަށް މިހާރު ނުބުނެވޭނެކަމަށް އެ އޮފީހުން ރައްދުގައި ބުނެފައި ވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރިސިޓްތަކަކީ މައުލޫމާތެއް ކަމަށް ނުބެލެވޭ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
މައުލޫމާތުގެ މާނައިގެ ތެރޭގައި ވަރަށް ފުޅާކޮށް ގިނަ ބާވަތުގެ ލިޔުންތައް ހިމެނޭނެ ކަމަށާއި އަދި މައުލޫމާތު ހޯދަން އެދޭ ގޮތަކަށް އެ މައުލޫމާތު ދިނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެހެންކަމުން ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމައިދޭން އެ އޮފީހުން އެދުނެވެ.
ކުރީގެ ސަރުކާރުން މި ހަރަދުތައް ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދާފައި ވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީ ވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަމަށް ބުނެ އެވެ.
މިއީ މިހާރު ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ނޫސްވެރިއަކަށް އުޅުއްވިއިރު ހޯދަން އެދުނު މައުލޫމާތެކެވެ. މިއަދު އަޒާން ވަނީ ދައުލަތުން މައުލޫމާތު ހާމަ ނުކުރުން ދިފާއު ކުރެއްވުމުން އެކަމާއި ނުރުހުން ފާޅުކުރައްވާފަ އެވެ.