ގާޒާ (އޮގަސްޓް 7) - މަޝްވަރާގެ ދިގު ބައްދަލުވުންތަކަކަށް ފަހު ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އާ ލީޑަރަކު އިސްކޮށްފި އެވެ.
ގަތަރުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އާ ލީޑަރަކަށް ހަމަޖައްސާފައި ވަނީ ޔަހުޔާ ސިންވާރެވެ. ފަލަސްތީނުގެ ޖަމާއަތަށް އާ ލީޑަރަކު އައްޔަން ކުރީ އެ ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ މިދިޔަ ހަފުތާގައި އީރާނުގައި އަވަހާރަކޮށްލުމުންނެވެ.
ޔަހްޔާ ސިންވާރަކީ އިޒްރޭލާ ދެކޮޅަށް ވަރަށް ސާބިތުކަމާ އެކު ހުންނެވި ބޭފުޅެކެވެ. އިޒްރޭލުގެ ޖަލުތަކުގައި އެތައް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން އޭނާ އަކީ ގާޒާގެ އެތެރޭގެ އޮޕަރޭޝަންތަކުގައި ހަމާސްގެ އެންމެ އިސް ބޭފުޅާ އެވެ. މިހާރު އެއީ އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އެވެ.
އިސްމާއިލް ހަނިއްޔާގެ ދުވަސްވަރު އޭނާ ވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި ސިންވާރަކީ އެއަށްވުރެ ހަރުކަށި ބޭފުޅެކެވެ.
ސިންވަރު މިހާރު ހިމެނެނީ އިޒްރޭލުން އަތުލައިގަންނަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގަ އެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ގަބޫލްކުރާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ދިން ހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުރީ ސިންވާރެވެ.
ހަމާސްގެ ލީޑަރުގެ މަގާމަށް ސިންވާރު ހަމަޖެއްސުމާ އެކު އިޒްރޭލުގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ އެއީ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކޮށް އޭނާ ވެސް ނައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އޮކްޓޯބަރު މަހު ހަމާސް އިން ދިން ހަމަލާ އަށް ފަހު ސިންވާރު އާއްމުންގެ ތެރޭން ފެނިފައެއް ނުވެ އެވެ.
ސިންވާރު އުފަންވެވަޑައިގަތީ 1962 ވަނަ އަހަރު ޚާން ޔޫނުސް ރެފިއުޖީ ކޭމްޕްގަ އެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު ހަމާސްގެ ސެކިއުރިޓީ ޚިދުމަތުގެ ގޮފި ނުވަތަ މަޖްދު އުފެއްދެވީ ސިންވާރެވެ.
ސިންވާރުގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ އިޒްރޭލުގެ ޖަލުގަ އެވެ. އިޒްރޭލުން އޭނާ ހައްޔަރުކުރި ތިން ވަނަ ފަހަރު، 1988 ވަނަ އަހަރު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ހަތަރު ހުކުމްކޮށްފަ އެވެ. ނަމަވެސް އޭނާ މިނިވަންވީ 2011 ވަނަ އަހަރު ހިންގި ހަމާސް އާއި އިޒްރޭލުގެ ކުށްވެރިން ބަދަލުކުރުމުގެ ތެރޭންނެވެ. ގާޒާގައި ހަމާސްގެ ސިޔާސީ ބިއުރޯގެ އިސްވެރިއަކަށް ސިންވާރު ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެމެރިކާ އިން ވަނީ އެ ގައުމުގެ ކަޅު ލިސްޓުގައި ސިންވާރު ހިމަނައިފަ އެވެ.