އިންޑިއާއާ ގުޅޭގޮތުން ހެދި ދޮގުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައާފަށް އެދުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރިކަމީ އެ ޕާޓީން ހިތާމަކުރާ ކަމެއް ކަމަށެވެ. އެކި ބަސްތަކާއި މަލާމާތުގެ ޒަރީއާއިން، ގިނަ ދުވަސްވީ ރަހްމަތްތެރިއެއް އަދި ތަރައްގީގެ ބައިވެރިއެއް ކަމަށްވާ އިންޑިއާ، ގަނާކުރާ ގައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދަށްކޮށް، ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއަށް ލިބިފައި އޮތް މަގާމަށް އަސަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"މީގެ އިތުރުން، “އިންޑިއާ އައުޓް” ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ތުރުކުރައްވައިގެން އެ ގައުމާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް އޭރު ވަނީ އިންޑިއާއާ ދެކޮޅަށް އެކި ބަސްތައް ބުނެފަ އެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިން މިހާރު ވަނީ އިންޑިއާއާ ދެކޮޅު ބަސްތައް ބުނުން ހުއްޓާލާފަ އެވެ.

"ވެލްކަމް އިންޑިއާ"ގެ ނަމުގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެ އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭނަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

"...ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު “އިންޑިއާ އައުޓް” އިން “ވެލްކަމް އިންޑިއާ” އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔަމެވެ. އަދި މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެކަމަށް މި ޕާޓީއިން އުންމީދު ކުރެއެވެ،"

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރުހަމާނިއަން އެސް ޖަޔަޝަންކަރާ ބައްދަލުކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝާހިދު ވަނީ ޖަޔަޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާއިން މެދުކެނޑުމެއް ނެތި ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް އިންޑިއާއަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ 1000 މުވައްޒަފުން ތަމްރީންކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމާ ގުޅިގެން އެކަމަށް ޝާހިދު މަރުހާބާ ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށް ރައީސް ސޯލިހުގެ ސަރުކާރުން ފެއްޓި މުހިއްމު މަސައްކަތެކެވެ. މީގެ އިތުރުން، އިގްތިސޯ ތަރައްގީއާބެހޭ މިނިސްޓްރީއާއި އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއަށްވެސް އެމްޑީޕީން އިން ވަނީ މަރުހަބާ ކިޔާފަ އެވެ. ޑިޖިޓަލް ޕޭމަންޓްތަކުގެ ނިޒާމްތައް ހަރުދަނާކުރުމުގެ މި އެއްބަސްވުމަކީ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވި، ސޮއިކުރުމާ ހިސާބަށް ގެނެވިފައިވާ އެއްބަސްވުމެއް ކަމަށް އެ ޕާޓީން ބުންޏެވެ.