އެމްޑީޕީން އަންނަ ހަފްތާގައި ޕްރެސް ކޮންފަރެންސް ބޭއްވުމުގެ ކުރިން ގާނޫނާ ހިލާފުނުވާނެ ދުވަހެއް ބުނެދިނުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެދިއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓަރާއި ފުލުހުން ޓެގް ކުރައްވާ އަމީރު ވިދާޅުވީ މިފެށޭ ހަފްތާގައި އެމްޑީޕީ ގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސް ކޮންފަރެންސް އެއް ބާއްވަން އެބަ ވިސްނާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން އެންމެ ރަނގަޅު ދުވަހަކީ އަދި ވަގުތަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.
"އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިއުލާނުކުރުމަށް ހަމަޖެހިފައިވޭތޯ؟" އަމީރު ސުވާލުކުރެއްވި އެވެ،
އަމީރު މިހެން ސުވާލުކުރައްވާފައި މިވަނީ އާދިއްތަ ދުވަހު ބީއެމްއެލްއިން ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭގޮތަށް ނިންމާ އިއުލާންކުރި ވަގުތާއި އެމްޑީޕީ ޕްރެސް ކޮންފަރެންސް ބޭއްވި ވަގުތާއި ދިމާވާކަމަށް ބުނެ، ބޭންކްގެ ނިންމުމަކީ އިދިކޮޅާއި ގުޅިގެން ކުރަން އުޅުނު ބަގާވާތެއްކަމަށް ސަރުކާރުގެ އިސްވެރިން ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.
އަމީރުގެ އެކްސް ޕޯސްޓަށް ރައްދުދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޕްރެސް ކޮންފަރެންސް ބޭއްވުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ނޫން ކަމަށާއި އެގޮތަށް އެއްވެސް މުއައްސަސާއަކުން އަންގާފައި ނުވާ ކަމަށެވެ.
"އެކަމަކު ޕްރެސް ބާއްވާގަޑީ ބައިވަރު އެހެން "އިއްތިފާގުތައް" ދިމާވިއްޔާ ޝައްކު،" ކަމަށް އިހްސާން ވިދާޅުވި އެވެ.
އެ ނިންމުމަށް އެއްދުވަސް ފަހުން ފުލުހުންވެސް ވަނީ ބޭންކުގެ ނިންމުމާއެކު ބަގާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައިވާކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ފުލުހުންގެ ބަޔާނުގައާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ބޭންކުގެ ނިންމުމާއި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމާއި އެއްގަޑިއަކާ ދިމާވުމަކީ އިއްތިފާގެއްތޯ ސުވާލު އުފައްދަވާފަ އެވެ.
ފުލުހުން ބުނެފައި ވަނީ ބަގާވާތާ ގުޅޭ ތަހުގީގު ކުރިއަށް ދާކަމަށެވެ.