ދުނިޔޭގެ ގުދުރަތީ ރީތިކަމަކީ އަހަރުމެން އިންސާނުންގެ ހިތަށް ތަސައްވަރު ވެސް ނުކުރެވޭނެ ފަދަ ރީތި ކަމެކެވެ. އެކަން އެނގެނީ އެކި ގައުމުތަކަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ތަފާތު ކަމުންނެވެ. އެފަދަ އެއް ތަނަކީ އާޖެންޓީނާގެ އިގުއޭޒޯ ފޯލްސް އެވެ.

އާޖެންޓީނާއާއި ބްރެޒިލް ގުޅޭ ބޯޑަރު ކައިރީގައިވާ މި ވޯޓާ ފޯލްސްއަކީ އެތަނަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ މަންޒިލެކެވެ.

ގާތްގަނޑަކަށް 82 މީޓަރުގެ އުސްމިނުން 62،010 ކިއުބިކް ފޫޓު ބާރުމިނުގައި ފެން ފައިބާ އެ "ވޯޓާފޯލް"އަކީ 275 ބަޔަށް ފެތުރިފައިވާ ފެންގަނޑެކެވެ.

އިގުއަޒޫ ފޯލްސް

އެތައް ހާސް ދުރުމިނަކަށް ފެތުރިފައިވާ ފެހިކަން ގަދަ ވާދީއެއްގެ ތެރެއިން ފެންނަ އިގުއަޒޫ ފޯލްސްއަށް އެ ފެހިކަމުގެ ސަބަބުން އިތުރު ރީތިކަމެއް ލިބިދެ އެވެ.

އިގުއަޒޫ ފޯލްސްގެ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ހޫނު މޫސުމުގެ ގަދަ އަވީގައި ކަމަށް ވިޔަސް ފިންޏާއި ވާރޭގައި ވެސް އެތަނަކީ ބަލާލަން ހިތްގައިމު މަންޒަރުތަކެއް ފެންނާނެ ތަނެކެވެ.

އާޖެންޓީނާގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މި މަންޒިލަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭއިރު ފާއިތުވި އަހަރުތަކުގައި ފަތުރުވެރިންގެ މެދުގައި އިގުއަޒޫ ފޯލްސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވެ އެވެ.

އިގުއަޒޫ ފޯލްސް

އެގޮތުން އެތަނަށް ދެވޭނެ މަގުތައް ހެދުމާއި ދަތުރު ފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އާޖެންޓީނާގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބައެއް ކަންކަމެވެ.

ކޮންމެއަކަސް އިގުއަޒޫ ފޯލްސްއަކީ އާޖެންޓީނާގެ ރައްޔިތުންގެ އިތުރުން ބްރެޒިލްގެ ރައްޔިތުން ވެސް އެތަނަކަށްޓަކައި ފަހުރުވެރިވާ ގުދުރަތީ އަޖާއިބެކެވެ.