މަތީ ތައުލީމް ހާސިލްކުރަން ލޯނު ލިބިފައިވާ ކުދިންގެ ފޯނު ކޯލްތަކަށާއި މެއިލްތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭތީ ދަރިވަރުންނާއި އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ މިނިސްޓްރީއަށް ގުޅަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގުޅިޔަސް ފޯނު ނުނަގާ ކަމަށާއި މެއިލްތަކަށް ރިޕްލައި ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކަކު ބުނެފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޯލްތަކާއި މެއިލްތަކަށް ޖަވާބު ނުދިނުމަކީ ކަންބޮޑުވާކަމެއް ކަމަށާއި، މީ އެތައް ބަޔަކު މިވާހަކަ ދައްކާ، ހައްލު ނުވި މައްސަލައެއް ކަމަށެވެ. އޭނާ ވަނީ ގައުމުގެ މުސްތަގްބަލާ ކުޅުން ހުއްޓާލުމަށް އެ މިނިސްޓްރީއަށް ގޮވާލާފަ އެވެ.

އިތުރު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ދުވާލަކު ފަސްދޮޅަސް ފަހަރު ގުޅިޔަސް މިނިސްޓްރީން ފޯނު ނުނަގާ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މި ސެޕްޓެމްބަރުގައި ސްޓޫޑެންޓް ލޯނުގައި ދާ ކުދިންގެ އެގްރީމެންޓް އަދިވެސް ނުލިބޭ. އަދި އޭގެފަހުން ޕޭމަންޓްވެސް ޕްރޮސެސްވަނީ. މިހާރު ކުދިން ފުރާ ޑޭޓްވެސް ކައިރިވެއްޖެ. މީކިހާ ދެރަކަމެއް،" އޭނާ ބުނެފައިވެ އެވެ.

މި އަހަރުގެ ސްޓޫޑަންޓް ލޯނު ލިބުނު ކުދިން ފުރާދުވަސް ކައިރިވެފައިވާއިރު، އެގްރީމެންޓްގައި ސޮއި ނުކުރެވޭތީ ލޯނުގެ ފައިސާ ނުލިބި، އެކަމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަނީ އެ މިނިސްޓްރީއަށް ގުޅަމުންނެވެ.

"ދެ ހަފްތާވީ ފޯނު ނުނަގާތާ، އެތައް ކުދިންނެއް ނަފްސާނީގޮތުން ބަލިކަށި ކޮށްލައިފި،" މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

މި ހުރިހާ ޝަކުވާތަކަށް މިނިސްޓްރީން ދަނީ ބީރު ކަންފަތެއް ދެމުންނެވެ. ލަސްވާ ސަބަބު ބުނެ ނުދިނުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅިފައިވާ ކަންކަމަށް މިނިސްޓްރީން ޖަވާބުދާރީ ނުވުމަކީ ސަރުކާރުން މަތީ ތައުލީމަށާއި ދަރިވަރުންނަށް އިސްކަން ނުދޭކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.