ރާއްޖެގެ އުތުރުގައި ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތް ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހްކޮށްފި އެވެ.

މި ގޭޓް އިފްތިތާހްކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އިދުރީސް އާދަމެވެ.

އުތުރު އައިސްއެސްޕީއެސް ގޭޓު އުލިގަމުގައި ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުލިގަމު ރައްޔިތުންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި އެސްޓީއޯގެ ވެރިން ބައިވެރިވެލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެ ސަރަހައްދަކީ ސްޓްރެޓެޖިކް އަމާޒަކީ ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ނަގައިގެން މެރިޓައިމް ހިދުމަތް ދޭ ގައުމަކަށް ހަދައި އޭގެ ނަފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ..

އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ހިދުމަތެއް ދޭނީ އެމްޕީއެލްއިންނެވެ. އެމްޕީއެލްއިން މި ހިދުމަތް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މަހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މި އައިސްއެސްޕީއެސް ގޭޓާއެކު އަލަށް ގިނަ މެރިޓައިމް ޚިދުމަތްތަކެއް ފަށަން މަގުފަހިވާނެ ކަމަށެވެ.

މެރިޓައިމްގެ ހިދުމަތް ދޭނީ އުލިގަމުގައި ގާއިމްކޮށްފައިވާ ޕޯޓް ފެސިލިޓީ މެދުވެރިކޮށެވެ. އެގޮތުން އޭޖެންޓު ކޯލްސް ސެންޓަރަށް ގުޅުމުން ޕޯޓް ފެސިލިޓީއާ ގުޅާލެވި ބޯޓަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޯށްދޭނެއެވެ. އެމްޕީއެލުން ބޯޓުތަކަށް ޚިދުމަތް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެންކަމަށް އެމްޕީއެލްއިން ބުނެ އެވެ.