ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވާން ޖެހޭ ކަމަށް މިނިސްޓަރ ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، ދެޖިންސުގެ ބައިވެރިވުން އެއްހަމައެއްގައި ޑިމޮކްރަސީގެ ނިޒާމުގައި ހެޔޮވެރިކަމެއްގެ ސިފަޖެހި، މުޖުތަމަޢުގެ އިޖުތިމާއީ ހަމަޖެހުން ގާއިމުވެގެންދާނެކަމީ ޝައްކެއްވެސް ނެތްކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެނިގެންދިޔަ ފަދައިން ރާއްޖޭގައި ވެސް ކޮވިޑާ ގުޅިގެން ދޭން ޖެހުނު ތަފާތު ޚިދުމަތްތައް ދިނުމުގައި، އަދި ފްރަންޓްލައިންގައި ސާބިތުކަމާއެކު ހިއްސާކުރަމުންދަނީ އަންހެނުންކަން ފަހުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް އައިޝާ ވިދާޅުވި އެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާމެދުގައި ވިސްނާލުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "އިސްސަފުގައި އަންހެނުން - ކޯވިޑް19ގެ ދުނިޔޭގައި ހަމަހަމަ މުސްތަގްބެއް ހޯދުން" މި އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ މި ޝިޢާރު ރާއްޖެއަށް މުހިންމުވަނީ ރާއްޖޭގައި އަންހެނުން ލީޑަރޝިޕަށް އައުމަށް ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ބަސްބުނުމަށް ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް ހުރި ގޮންޖެހުންތަކެއްކަން އެނގިތިބެ، އެ ގޮންޖެހުންތައް ބިނާވެފައި ވަނީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ފިރިހެނުންގެ ދައުރާމެދު ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ވިސްނުންތަކާއި، މުޖުތަމައުގެ ތެރޭގައި ދެކޭގޮތުގެ ސަބަބުން ކަމަށެވެ.

''ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް އެހީތެރިވުމަށް އިގްތިސާދީ ވުޒާރާއިން ދިން އެހީ ލިބުނު ފަރާތްތަކުގެ ތެރެއިން ފިރިހެނުންނަށްވުރެ އަންހެނުންމަދު. އެގޮތުން 20،760 މީހުންނަށް އެހީ ފޯރުކޮށްދިންއިރު އެއިން 7467 މީހުންނަކީ އަންހެނުން. މި ތަފާސް ހިސާބަށް ބަލާއިރު އަންހެނުންގެ އަދަދު މަދުކަމާއި މިކަމުގައި މިންތީގެ ތަފާތެއް ހުރިކަން އެނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުންގެ ނިސްބަތް ފިރިހެނުންނާ އަޅާބަލާއިރު މަދުކަން ފާހަގަކުރެއްވޭ ކަމަށާއި މި ސަބަބަށްޓަކައި އަންހެނުންނަށް މަސައްކަތްތެރިކަން ފޯރުކޮށްދީ އަންހެނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ކަން ވެސް އައިޝާ ހާމަކުރެއްވި އެވެ. އަދި ގޭގައި ތިބެގެން ކުރެވޭ ފަދަ މަސައްކަތްތަކުގައި އަންހެނުން ޝާމިލުވާ މިންވަރު ބޮޑު ކަމަށާއި، ނަމަވެސް އިންކަމް ސަޕޯޓު ހޯދުމަށް ބޭނުންވާ ލިޔެކިޔުން މިފަދަ މަސައްކަތްކުރާ އަންހެނުންނަށް ހޯދަން ދަތިވާކަން ފާހަގަކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.