ބުރުގާ އަޅައިގެން ވެސް ދިވެހި ރާއްޖޭގައި އުފާވެރި ޗުއްޓީއެއް ހޭދަ ކުރެވިދާނެ ކަމަށް ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަނާ ޚާން ބުނެފި އެވެ.

ރުބީނާ ދިލަކްގެ ޕޮޑްކާސްޓް "ކިސީނޭ ބަތާޔާ ނެހީ"ގައި ދާދި ފަހުން ވާހަކަ ދައްކަމުން ސަނާ ވަނީ ފިލްމީ ދާއިރާ ދޫކޮށްލި ފަހުން އޭނާގެ ހަޔާތަށް އައިސްފައިވާ ބަދަލުތައް ކިޔައިދީފަ އެވެ.

އިސްލާމް ދީނުގެ އުސޫލުތައް މަތީ ދެމިހުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިވެހި ރާއްޖޭގައި ސަނާ ހޭދަކުރި ޗުއްޓީގެ ތަޖުރިބާ ހިއްސާކޮށްފައިވެ އެވެ.

ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މަޝްހޫރު ފަންނާނުން އާއްމުކޮށް އައުރަ ނިވާނުވާ ފާޅުކަން ބޮޑު ހެދުން ބޭނުން ކުރި ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫން ކަމަށް ސަނާ ބުންޏެވެ.

https://www.instagram.com/p/CSn2plzD1kE/?utm_source=ig_embed&ig_rid=ae92a0f8-f2fd-480f-80a5-9607094255ea

އެގޮތުން އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގައި މޫދަށް އެރި މޫދުގެ ހަރަކާތްތަކުގައި ބައިވެރިވީ އަބާޔާ ހެދުން ލައިގެން ކަމަށާއި އެ މަންޒަރު ފެނި ކުރިން ދިވެހި ރާއްޖެއަށް ދާން ފަސްޖެހިފައި ތިބި އެތައް މުސްލިމުންނެއް ރާއްޖެ އައި ކަމަށް ވެސް ސަނާ ފާހަގަކުރި އެވެ.

އިސްލާމް ދީނުގެ މަގުގައި ސާބިތުވެ ހުރުމަށްޓަކައި ސަނާ ވަނީ ފިލްމީ ދާއިރާ ދޫކޮށް އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ.

ސަނާ ބުނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ލިބުމަށްފަހު އޭނާގެ ދިރިއުޅުން ފުރިހަމަ ވެފައިވާ ކަމަށާއި ކުރީގެ ދިރިއުޅުމާމެދު ލަދުވެތިވެ ހިތާމަކުރާ ކަމަށެވެ.

ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު ސަނާ އޭނާއަށްވުރެ އުމުރުން ހަތް އަހަރު ހަގު މުފްތީ އަނަސްއާ ކައިވެނި ކޮށްފައިވާއިރު އެ ކައިވެންޏަށް މިހާރު ދަރިއަކު ވެސް ވަނީ ލިބިފަ އެވެ.