ބައިނަލްއަގުވާމީ އެއާލައިންތަކުގައި ދިވެހި ކެއުންތައް ލިބޭ ގޮތް ހެދުމަށް ހޮސްޕިޓަލިޓީ ދާއިރާއިން މަސައްކަތް ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގަންފި އެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިހާ ކުރިއަރައި ދިޔަނަމަވެސް މިހާތަނަށް އެއާލައިންތަކުގެ އެއްވެސް މެނޫއަކުން ދިވެހި ކެއުމެއް ނުފެންނަ ކަމަށެވެ. އަދި އެއާލައިންތަކުގައި ދިވެހި ކެއުންތައް ލިބޭން ހުންނާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށާއި އެކަމަކީ ނުވާނެ ކަމެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްއަކީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި ކޮންމެ އަހަރަކުވެސް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކާއި ކުންފުނިތަކުން ބައިވެރިވެ އެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި 120 ސްޓޯލްއެއް ވަނީ ބަހައްޓާފަ އެވެ. އަދި މި އިވެންޓްގެ ތެރެއިން ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައި 600 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި އެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނެ އެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް ކޮންމެ ދުވަހަކު ހެނދުނު 10 އަކުން އިރުއޮއްސި 7 އަކަށް ދަރުބާރުގޭގަ އެވެ.