ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޕީޕީއެމްގެ ޑޭޓާބޭސް އެމްޑީޕީއަށް ވިއްކާލިކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވައިފި އެވެ.
މިއަދު މެންބަރު ޝުޖާއު ރައީސް ޔާމީން އަށް ފާޑުވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ ޝުޖާއުއަކީ ޕީޕީއެމްގެ ޑޭޓާބޭސް އެމްޑީޕީއަށް ވިއްކި ޚާއިނެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުއްﷲ ޔާމީންއަށް ކުރިން އެންމެ ގަދަޔަށް ތާއީދުކުރެއްވި ޝުޖާއު މިހާރު ގެންދަވަނީ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެކަމަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ ޝުޖާއު ރާގު ބަދަލުވެގެން އުޅުއްވަނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް ހުއްޓިދާނެތީ ކަމަށެވެ. ނަމަވެސް ޝުޖާއުއަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އަދި ރައީސް މުއިއްޒުވެސް އިތުބާރު ނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ޕީއެންސީ ޕީޖީ ލީޑަރުކަންވެސް ނުދީ ފަލާހަށް ދިނީ،" މަލީހުގެ އެކްސް ޕޯސްޓްގައި ވިދާޅުވި އެވެ.
ޝުޖާއު މިސަރުކާރުގެ ދިފާއުގައި އަވަދިނެތި އުޅުއްވާއިރު، އޭނާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަށް ސަރުކާރުގެ ޕްރޮޖެކްޓްތަކުން މިލިއަނުން ދަނީ ފައިސާ ދެމުންނެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ޝުޖާއު ވަނީ ދާދި ފަހުން ހުޅުމާލެ އިން ނުވަ މިލިއަން ރުފިޔާއަށް އަގުބޮޑު ފްލެޓެއް ބައްލަވައިގަނެފަ އެވެ.