މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން އެ ކުންފުނިން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފައިދާއިން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ބޯނަސް ފައިސާ ޖަމާވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފާއިތުވި ދެ އަހަރު ވެސް އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފައިވެ އެވެ. އެމްއޭސީއެލްގައި 4،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 20 ޕަސެންޓުގެ ކުރި އެރުމެކެވެ. އެ ކުންފުނީގެ 2022 ވަނަ އަހަރު ފައިދާއަކީ 868 މިލިއަން ރުފިޔާ އެވެ.

އާންމުކޮށް އޯގަސްޓު މަހު ދެމުންދިޔަ މި ބޯނަސް ދިނުން ލަސްވެގެން އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެކަމުގެ ޝަކުވާ ކޮށްފަ އެވެ.