ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ގޮތަށް ބަދަލުކޮށްފައިވަނީ ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން، ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު އާންމުނަށް ބޭނުންކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މިއާއެކު މި ޕޯޓަލްއިން ޕާޓީއަކުން ވަކިވާން އެދޭއިރަށް ވަގުތުން އަޕްޑޭޓް ފެންނަނާގެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ދޭން ފެށުމާއެކު، މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ.

މި ހިދުމަތްދިނުމަށް ހަމަޖައްސާފައިވަނީ މިހާރުވެސް ސަރުކާރުގެ އެކިއެކި ހިދުމަތްތަކަށް ބޭނުންކުރާ، އީ-ފާސް މެދުވެރިކޮށްކަމުން، ޕާޓީއަކުން ވަކިވާން އެދި ހުށަހަޅާއިރު އިތުރު ލިޔެކިއުމެއް ބޭނުމެއް ނުވެ އެވެ.