އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފަޅުތަކާއި ރަށްތަކެއް ވެސް އޮންގް ރިޝްވަތު ދީގެން ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގުމުގައި އޮންގު ބޮޑު ރޯލެއް އަދާކުރި ކަމަށް އަލް ޖަޒީރާއިން ނެރުނު "ސްޓީލިން ޕެރަޑައިސް" ޑޮކިއުމަންޓްރީގައި ވެސް ތުހުމަތުކޮށްފައިވޭ.

ސިންގަޕޫރު (އޮކްޓޯބަރު 4)- ރާއްޖޭގައި މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ މަހުޖަނު އޮންގް ބެން ސެންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑު ދެ ދައުވާއެއް އުފުލައިފި އެވެ.

ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއަށް ރިޝްވަތުދިނުމާއި އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި އޮންގު 78 އ. ގެ މައްޗަށް ކުރި ދައުވާގެ އަޑުއެހުން މިއަދު ވަނީ ސިންގަޕޫރުގައި ފަށައިފަ އެވެ.

އެ ގައުމުގެ ޕްރޮސެކިއުޓާގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް. އިސްވަރަން އަށް ސިންގަޕޫރުން ދޯހާއަށް އޮންގުގެ ޕްރައިވެޓް ޖެޓްގައި 7،700 ޑޮލަރު (10،410.40 ޑޮލަރު) ގެ އަގުހުރި ދަތުރުކުރަން ދައުވަތުދީ، އަގުބޮޑު ހަދިޔާތަކެއް ދިން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. މީގެ އިތުރުން ފޯ ސީޒަންސް ހޮޓެލް ދޯހާގައި އެއް ރޭ މަޑުކުރުމުގެ އިންތިޒާމް ވެސް ހަމަޖެއްސި އިރު، އޭގެ އަގަކީ 4،737.63 ޑޮލަރެވެ. އަދި ދޯހާއިން ސިންގަޕޫރަށް ބިޒްނަސް ކްލާހުގައި، އިސްވަރަން ދަތުރުކުރި އެވެ. އެ ޓިކެޓްގެ އަގަކީ 5،700 ޑޮލަރެވެ.

ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެން މިދިޔަ އަހަރު ތަހުގީގަށް ހާޒިރުކުރަނީ.ފޮޓޯ: ސްޓްރެއިޓް ޓައިމްސް

ދައުވާގެ އަޑުއެހުމަށް އޮންގު ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރު ފަހު 2:20 ގަ އެވެ.

އިސްވަރަންގެ މައްސަލައިގެ ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި އެންޓި ކޮރަޕްޝަން ބޮޑީން ވަނީ އިސްވަރަން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ދަތުރުގެ ފްލައިޓް މެނިފެސްޓް އޮންގް އަތުން ހޯދައިފަ އެވެ. އަދި އިސްވަރަން ވަނީ އެ ތަހުގީގުތަކުން ސަލާމަތްވުމަށް ފްލައިޓަށް ބިލް ކޮށްދިނުމަށް އޮންގްގެ ކިބައިން އެދިފަ އެވެ.

އެއަށް ބަލައި އިސްވަރަންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި އެ ދައުވާ ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް މިދިޔަ ހަފުތާގައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އޮންގުގެ ޝަރީއަތް ފެށީ އިސްވަރަންގެ ޝަރީއަތް ނިމުމުންނެވެ.

އޮންގްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 165 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ފައިސާ ނުދައްކައި ނުވަތަ އެކަށީގެންވާ މިންވަރަށް ފައިސާ ނުދައްކައި، މީހެއްގެ އަތުން އަގުބޮޑު އެއްވެސް އެއްޗެއް ދިންކަމުގެ ދައުވާ އެވެ.

ސިންގަޕޫރުގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ އޮންގުގެ މެޖޯރިޓީ ހިއްސާ އޮންނަ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ބަނޑޮސް އައިލެންޑް ރިސޯޓާއި ފޯސީޒަން ކުޑަހުރާ، ލަނޑާގިރާވަރު، ވޯވަށް ޕްރައިވެޓް އައިލެންޑް، ގިލި ލަންކަން ފުށި، ސިކްސް ސެންސަސް ބައި ލާމު، ކޮކޯ އައިލެންޑް، ކޮމޯ މާލެފުށި، ހޮލިޑޭ އިން ކަނޑޫމާ ހިމެނެ އެވެ.

މީގެ އިތުުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފަޅުތަކާއި ރަށްތަކެއް ވެސް އޮންގް ރިޝްވަތު ދީގެން ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގުމުގައި އޮންގު ބޮޑު ރޯލެއް އަދާކުރި ކަމަށް އަލް ޖަޒީރާއިން ނެރުނު "ސްޓީލިން ޕެރަޑައިސް" ޑޮކިއުމަންޓްރީގައި ވެސް ތުހުމަތުކޮށްފައިވެ އެވެ.