ޕަރިނީތީ ޗޯޕްރާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ބެޑްމިންޓަން ޗެމްޕިއަނެއް ކަމަށްވާ ސައިނާ ނެހްވާލްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމުންނެވެ.

މި ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރު ލޯންޗު ކުރުމާއި އެކު ގިނަ ބަޔަކު ދަނީ އެއަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންނެވެ.

"ސައިނާ" ގެ ނަމުން ނަންދީފައިވާ މި ފިލްމު ޕްރޮމޯޓްކުރުމަށް ދާދިފަހުން ބޭއްވި އިވެންޓެއްގައި ނޫސްވެރިން ވަނީ އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ޕަރިނީތީ އާ ސުވާލުކޮށްފަ އެވެ.

"އަހަރެން ވިސްނުން ހުންނަނީ މުޅީން ތަފާތު ކޮށް. މިސާލަކަށް މީހަކު ރަނގަޅު ވާހަކައެއް ދައްކަންޏާ އަހަރެން ބުނާނަން ތިއީ ވަރަށް ރަނގަޅު ވާހަކައެކޭ. އެކަމަކު އެއްވެސް ސަބަބަކާ ނުލާ ގޯސް ވާހަކައެއް ދައްކާ ނަމަ އަހަރެން އެކަމަކާ އަޅާވެސް ނުލާނަން. ފާޑު ކިޔުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް. އެހެން ނަމަވެސް ޖެއްސުމަށް އެކަން ކުރުމުން ކަމަކުނުދޭ."

ޕަރިނީތީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.