ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސް ގްރޫޕްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން މިރޭ ރިޕޯޓްކޮށްފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިއަދު ފަލަސްތީނުގެ ރަފާހް އަށް ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ޔަހްޔާ ސިންވާރު ހިމެނޭތޯ ބަލަމުންދާ ކަމަށެވެ. އެގޮތުން ހަށިގަނޑު ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓް ކުރިއަށް ދާކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފައިވެ އެވެ. ހަމާސްގެ ތިން ލީޑަރަކު މި ހަމަލާގައި ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.
މީގެ އިތުރުން އިޒްރޭލުގެ ފޮރިން މިނިސްޓަރު ދާދި ދެންމެ ވަނީ ހަމަލާގައި ޔަހްޔާ ޝަހީދުކޮށްލާފައިވާކަމަށް ބުނެފަ އެވެ.
ޔަހްޔާ ސިންވާރު ހަމާސްގެ ލީޑަރު ކަމަށް ހަމަޖައްސާފައިވަނީ މިދިޔަ އޮގަސްޓް މަހު ހަމާސްގެ ކުރީގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. 7 އޮކްޓޫބަރު ގައި އިޒްރޭލަށް ހަމަލާ ދިނުމުގެ މޭސްތިރި ގޮތުގައި ސިފަކުރާ ޔަހްޔާ ސިންވާރު ކަމަށް ބެލެވޭ މީހަކު މިއަދުގެ ހަމަލާގައި ޒަހަމް ތަކަކާއެކު އޮއްވާ ފެންނަ ފޮޓޯތަކެއްވެސް ވަނީ ދައުރުވެފަ އެވެ.
މިކަމާއި ގުޅިގެން ހަމާސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.