ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމުން އިޒްރޭލާ ދެކޮޅަށް މެދު އިރުމަތީގައި ކުރަމުންދާ ހަނގުރާމަ ވަރުގަދަ ކުރާނެކަމަށް އީރާނުގެ އދގެ މިޝަންއިން ބުނެފި އެވެ.
އީރާނުން މިހެން ހާމަކޮށްފައި މިވަނީ ބުރާސްފަތި ދުވަހު ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުން ހާމަކުރިތާ މަދު ވަގުތުކޮޅެއް ތެރޭގަ އެވެ.
ފަލަސްތީނުގެ ރަފާހް އަށް ދިން ހަމަލާއެއްގައި ހަމާސްގެ ތިން ލީޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުން އިއްޔެ ހާމަކޮށް، އޭގެތެރޭގައި ޔަހްޔާ ސިންވާރު ހިމެނޭކަމަށް ކަށަވަރުކުރެވިފައި ވާކަމަށް ބުނެފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ހަމާސްއިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.
ޔަހްޔާ ސިންވާރު ހަމާސްގެ ލީޑަރުކަމަށް ހަމަޖައްސާފައިވަނީ މިދިޔަ އޮގަސްޓު މަހު އިޒްރޭލުން އެ ގްރޫޕްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އީރާނުން ބުނީ ހަމަލާތައް ވަރުގަދަކޮށް ޔަހްޔާ އަކީ އެމީހުންގެ ޒުވާން ޖީލުތަކަށް ނަމޫނާއެއްގެ ގޮތުގައި ބަލައިގެން، ފަލަސްތީނަށް ނަސްރު ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް ދާނެކަމަށެވެ. އިޒްރޭލުން ހަމަލާތައް ދީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތްކުރާހާ ހިނދަކު ހަނގުރާމަ ހުއްޓާނުލާނެކަމަށް އީރާނުން ބުނެފައިވެ އެވެ.