ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލްއާއްމާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހުގައި ރަޖިސްޓްރީނުކޮށްދީ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ނިންމީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާތީ ކަމަށެވެ. ނަމަވެސް ޝަރުތު ހަމަނުވި ސަބަބު ހާމައެއް ނުކުރެ އެވެ.

މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ގޮވާލާފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިސްނެންގެވުމާއެކު އަވަހަށް ނިންމައިދިނުމަށެވެ.

އެމްޑީޕީން އެ ބިލް 29 މެއި ގައި މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލް މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން މަޖިލީހަށް ހުށަހަޅަން 2 ޖޫން ގައި ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން ނިންމޭފަދަ ކަމެއް ގާނޫނު އިސްލާހުކޮށް މަޖިލީހުން ނިންމުމަށް ސަރުކާރުން ނިންމީ މިކަން ކުރުން ލަސްކުރުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.