ސަރުކާރުން މި އަހަރުގެ ޖޫން މަހު އިޒްރޭލު ޕާސްޕޯޓް މަނާކުރާނެކަމަށް އިއުލާނުކުރިތާ، 166 ދުވަސް ހޭދަވިއިރު އެކަން ނުކުރުމުން، ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒު ވިދާޅުވީ 2 ޖޫންގައި ސަރުކާރުން އިއުލާނުކުރި ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭކަމަށާއި ސަރުކާރުގެ ނިންމުމަށް ފަހު 166 ދުވަސް ހޭދަވެއްޖެ ކަމަށެވެ. އަދި ޖޫން 10 ގައި މަޖިލީހަށް ބިލު ބަލައިގަނެ 241 ކޮމިޓީގައި ތަޅު އަޅުވާފައި އޮންނަތާ 158 ދުވަސް ހޭދަވެފައިވާކަމަށާއި ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރާއިރު ބިލަށް ގޮތެއް ނުނިންމައި ބާއްވާފައި އޮންނަތާ ފަސް މަސް ފާއިތުވެފައިވާ ކަމަށެވެ.
"އޮކްޓޮބަރު 16 ގައި މަޖިލީހަށް ހުށަހަޅައި 20 ދުވަސް ތެރޭ ޓެކްސް ބޮޑުކުރި. ސަރުކާރުގެ އިސްރާފުތަކަށް ހަރަދުކުރަން ދުންފަތް އަގުބޮޑުކޮށް 21 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށި. ވޭޕް މަނާކުރަން ބޭނުންވުމުން މަޖިލިސް ތެރެއިން ނިންމައި އެކަން ތަންފީޒު ކުރަން ހޭދަވީ 30 ދުވަސް" ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ކަންކަން އަވަހަށް ނިންމާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ފެންނަމުންދަނީ ސަރުކާރު އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، އެކަމަށް ގޮތެއް ނުނިންމައި ތިބެ އަވަސް ކުރަން ގޮވާލައި ބަޔާން ނެރެ، ޕީއެންސީން ރައްޔިތުންނަށް އޮޅުވައިލާތަންކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ދިދަޔަށް ނޫނީ ބޯނުލަބާން ވިދާޅުވެ އެމެރިކާގެ ދިދަޔަށް ބޯލަބަންޖެހުނީތޯ ސުވާލު އުފެދޭ" ފައްޔާޒު ވިދާޅުވި އެވެ.
ބިލު ފާސްކުރިޔަސް ނުކުރިޔަސް ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރަށް އަހަރުދުވަސް ވާއިރު ދޮގު ހަދައި އޮޅުވައިލުން ހުއްޓާލައި ބިލާ މެދު ގޮތެއް ނިންމުމަށް އޭނާ ގޮވާލެއްވި އެވެ.
ރައީސްގެ ސައުދީ ދަތުރުފުޅާއި ގުޅިގެން އިޒްރޭލު ޕާސްޕޯޓް މަސައްކަތް ފާއިތުވި ހަފްތާގައި 241 ކޮމެޓީގައި ފެށިނަމަވެސް، ކޮމިޓީން ނިންމީ ބިލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހާހަމައަށް އިތުރަށް ދިގު ދައްމާލުމަށެވެ.