އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ދައުރުވަމުންދާ ލިޔެލިޔުމަކީ ހަގީގަތާ ހިލާފް ދޮގު ލިޔުންތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ކުރު ނޫސްބަޔާނުގައި ބުނީ އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ހަގީގަތާ ހިލާފް ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ ދިވެހި ދައުލަތުގެ މަސްލަހަތާ ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާ ފަދަ މައުލޫމާތު ފޯރުކޮށްދިނުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިރުތުން ރައްޔިތުންގެ މަސްލަހަތާއި ރާއްޖެއާއި އަވައްޓެރި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވާނެހެން ދޮގު މައުލޫމާތު ނުފަތުރަން ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީކަމަށް ބުނެ ހަގީގަތާ ހިލާފް ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދިވެހި އަސްކަރިއްޔާގެ އަގު ވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަ ކުރައްވާފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގްލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގަ ނުދޭނެ ކަމަށެވެ.
އެހެންވީއިރު އަސްލު ހާމަކުރަންވީ ނޫންތޯ؟ އޭރުން ހުރިހާ ރައްޔިތުން ގަބޫލު ކުރާނެއެވެ.