އިންޑިއާގެ އެހީގައި އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ އެކަން ބަލާދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ
މިމައްސަލަ ހުށައެޅުއްވީ އަލިފުށީ ދާއިރާ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އެވެ. މައްސަލަ ބަލައިގަންނަން ފެންނަކަމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިގޭ ހުށައެޅުއްވި ކުއްލި މައްސަލައިގައިވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ އިއްޔެ ލީކްކޮށްލި ޑޮކިއުމަންޓާއެކު ރާއްޖޭގެ އަސްކަރިއްޔާގެ އިސްވެރިންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އެއްބަސްވުމުމުގައި ސޮއިކުރީ ނިމިގެން ދިޔަ ސަރުކާރުން ކަމަށް ވެސް މުޙައްމަދު ރަޝީދު ވިދާޅުވި އެވެ.
އެއީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫއަރައި ދިވެހި ސިފައިންނަށް އޮންނަ އިތުބާރު ގެއްލުވާލައި ސަލާމަތީ ބާރުތަކުގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެ މައުލޫމާތުތައް ފަތުރާތީ އަކަން ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އަދި ފޭކު އެގްރީމަންޓެއް ހަދައި ސިފައިންގެ އަގުވައްޓާލަން ކުރާ މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވެފައިވެ އެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ކުރައްވާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުތުރުތިލަފަޅާ ގުޅޭގޮތުން ލީކުވި ޑްރާފްޓް އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރަށް ތިބެވޭނެ އެވެ. އެގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރެވެ އެވެ. އަދި އެކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
އުތުރު ތިލަފަޅާ ބެހޭ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެ އެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެ އެވެ.
މީގެ އިތުރުން އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުން ކަމަށާއި، އެތަނުގައި މަސައްކަތެއް ކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް އެ ޑްރާފްޓް އެއްބަސްވުމުގައި ބަޔާންކުރެ އެވެ.
އުތުރުތިލަފަޅުގައި އެކްޓިވް ޑިއުޓީގައި މަސައްކަތްކުރާ އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނަށް، ހަތިޔާރާއި އެ ނޫން ވެސް އެފަދަ އާލާތްތަކާއި، ކަނޑުތަކުގެ ސާވައިލަންސް މަސައްކަތްކުރުމަށް އެތަނުގައި ހުންނަ މުވާސަލާތީ ވަސީލަތްތައް އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުންކުރެވޭނެ ކަމަށް ވެސް ޑްރާފްޓް އެއްބަސްވުމުގައިވެ އެވެ.
އެ ޑްރާފްޓް އެއްބަސްވުން ލީކުވުމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ އެއީ ފޭކު އެއްބަސްވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް ދިވެހި ސިފައިން ޖާގަ ނުދޭނެ ކަމަށް ބުންޏެވެ.