މިސްރުގެ އިސްމާއީލިއާގެ ޕޮލިސް ސްޓޭޝަނަކަށް 1952 ވަނަ އަހަރު އިނގިރޭސި ސިފައިން ބޮން އަޅައި 50އަށް ވުރެ ގިނަ ފުލުހުން މަރާލިއިރު މައުމޫނު ހުންންވީ މިސްރުގަ އެވެ. އޭރު އެއީ އުމުރުން 14 އަހަރުގެ ކިޔަވާ ކުއްޖެކެވެ. ސުއެޒްގައި ތިބި އިނގިރޭސި ސިފައިންގެ އެ އަމަލާ ގުޅިގެން އިނގިރޭސިންނާ ދެކޮޅަށް މިސްރުގެ އާންމުން އިހުތިޖާޖަށް ނުކުތެވެ. ޖެނުއަރީ 12، 1952 ވަނަ އަހަރު ފެށި އެ އިހުތިޖާޖު ބަދަލުވީ ބޮޑު ހަމަނުޖެހުންގަނޑަކަށެވެ. ބޮޑެތި އިމާރާތްތަކުގައި ހުޅުޖަހައި ތަންތަން ލޫޓުވަމުން ދިޔަ މަންޒަރު މައުމޫނަށް ފެނިވަޑައިގެންނެވީ ދިރިއުޅުއްވި ފްލެޓްގެ ބެލްކަނީންނެވެ. މައުމޫން އެދުވަސް ސިފަކުރައްވަނީ ހަޔާތުގައި އައި އެންމެ ބިރުވެރި އެއްދުވަހުގެ ގޮތުގަ އެވެ.

މިސްރުގައި އެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކަކީ ސުއޭޒް ކެނަލްގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ނަމުގައި ގިނަ އަދަދެއްގެ އިނގިރޭސި ސިފައިން އެތަނުގައި ތިބުމާ މިސްރުން ދެކޮޅު ހަދަމުން ގެންދިއުމުގެ ސަބަބުން ހިނގަމުންދިޔަ ހަމަނުޖެހުންތަކެކެވެ. އޭރުގެ މިސްރުގެ ރަސްގެފާނު ފާރޫގަކީ ވެސް އިނގިރޭސި ސިފައިން މާގިނައިން ތިބުމާ ދެކޮޅު ބޭފުޅެކެވެ. ދެފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުރިމަތިލުންތަކަކަށް ބަދަލުވި އެވެ. މައުމޫނުގެ އޮޓޯ ބަޔޮގްރަފީ، "އަ މޭން ފޯ އޯލަ އައިލޭންޑްސް" ގައިވާ ގޮތުން އެދުވަސްވަރު މިސްރުގައި އިސްލާމިކް ބްރަދަހުޑްގެ ނަމުގައި އިނގިރޭސިންނާ ދެކޮޅަށް އިސް ނެގި ގްރޫޕްގެ ބައެއް އެއްވުންތަކަށް މައުމޫނު ވަޑައިގެންނެވި އެވެ.

އެ ޖަމާއަތުގެ އިސް ބޭބޭފުޅުންގެ ޚިތާބުތައް މައުމޫނު އަޑުއެއްސެވި އެވެ. އެހެންނަމަވެސް އެޖަމާއަތުގެ ވާހަކަތަކުގެ ރޫހު ހުރިގޮތާ މައުމޫނަކަށް އެއްބަހެއް ނުވެވުނެވެ. މައުމޫން ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން، ބޭނުންކޮށްގެންނުވާނެ އެވެ. މިސްރުގެ އިލްމުވެރިންގެ ކިޔަވާދިނުމުގެ މައިގަނޑު އުސޫލަކީ ވެސް އެއީ އެވެ. އެހެންކަމުން ކްލާހުގައި ދަސްކުރައްވާ އަސާސްތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ މައުމޫނަށް ގަބޫލުކުރެވޭ ފަދަ ކަމަކަށް ނުވި އެވެ. ދީން ބޭނުންކޮށްގެން ހަމަނުޖެހުންތައް އުފައްދައި ސިޔާސީ ފައިދާތައް ނެގުމަކީ މައުމޫނަށް ގަބޫލުކުރެވޭ ފަދަ ކަމަކަށް ނުވުމުން އެ ޖަމާއަތުގެ ޖަލްސާތަކަށް ވަޑައިގަތުން މައުމޫނު ހުއްޓަވައިލެއްވި އެވެ. ދީނީ ގޮތުން ހައްދު ފަހަނަޅާ ދިއުމަކީ މައުމޫނަށް ގަބޫލުކުރެވޭފަދަ ކަމަކަށް ނުވާތީ އެވެ.

ސުއޭޒް ކެނަލްގެ މައްސަލައިގައި އުފެދުނު ގަޑުބަޑުގެ ތެރެއިން ގެނެވުނު ލޭ އޮހޮރުވުމެއް ނެތް އިންގިލާބަކުން ކިންގް ފާރޫގުގެ ވެރިކަން ނިމުމަކަށް އަ އެވެ. ޒަމާންތަކެއް ވަންދެން މިސްރުގައި އޮތް ރަސްކަން އެހިސާބުން ނިމުނީ އެވެ. އެދުވަސްވަރު، ހިނގައި ދިޔަ ގޮތް ތަފާތު ނަމަވެސް، އެފަދަ ބަދަލެއް ރާއްޖެއަށް ވެސް އަ އެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމް ޖުމުހޫރިއްޔަތަކަށް ބަދަލުވި އެވެ. ފުރަތަމަ ޖުމްހޫރިއްޔާ ކާމިޔާބުވާ ގޮތެއް ނުވި ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއް ނުވެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސެއްގެ ހައިސިއްޔަތުން ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރާއްޖޭގެ ވެރިކަމަށް އިސްވުމަކީ ރާއްޖެ އޭރު އޮތް ހިސާބުން ތޮށިގަނޑު ފަޅާލާފައި ނިކުންނަން އެޅި ފުރަތަމަ ފިޔަވަޅުކަމުގައި ވާނެ އެވެ. ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނާސިރު ވަނީ ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވާދެއްވާފަ އެވެ. އޭރު ނާސިރަކީ ރާއްޖޭގެ ބޮޑު ވަޒީރެވެ.

ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އދ. ގެ މެންބަރު ގައުމަކަށް ރާއްޖެ ވި އެވެ. އޭރު އދ. ގައި ކުދި ގައުމުތަކުގެ މާބޮޑު ދައުރެއް ނޯވެ އެވެ. ރާއްޖެ އދ. ގައި ބައިވެރިވުން ވީ އެފަދަ އެހެން ގައުމުތަކަށް ލިބުނު ހިތްވަރަކަށެވެ. އދ. ގެ ފުރިހަމަ މެންބަރުކަން ލިބުމާއެކު ރާއްޖެއިން އައީ ތަފާތު ގައުމުތަކާއެކު ގުޅުންތައް ބާއްވަމުންނެވެ. އެގޮތުން އިޒްރޭލަކީ އދ. ގެ މެންބަރު ގައުމެއް ކަމަށް ބަލައިގަނެ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ރާއްޖެއިން ގާއިމުކުރި އެވެ.

އިޒްރޭލާއެކު ނާސިރުގެ ސަރުކާރުން ގުޅުންގާއިމްކުރި ދުވަސްވަރަކީ އަރަބި އިޒްރޭލް ހަނގުރާމަ ހިނގައި، އެކަމުގެ ނުތަނަވަސްކަން މެދުއިރުމަތީގައި އޮތް ދުވަސްވަރެވެ. މިސްރުގައި ކިޔަވާ ވިދާޅުވާން ހުންނެވި މައުމޫނަށް އެ އަމަލަކީ ގަބޫލުކުރެވޭފަދަ ކަމަކަށް ނުވި އެވެ. އެކަމާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. އަޒުހަރުން ތައުލީމު ހާސިލުކުރެއްވުމަށް ފަހު ރާއްޖެ ވަޑައިނުގެން މައުމޫނު ވަޑައިގެންނެވީ ނައިޖީރިއާއަށެވެ. އެ ގައުމުގެ ޔުނިވާސިޓީއެއްގައި ލެކްޗަރާއެއްގެ ވަޒީގައި ހުންނެވި އެންމެ ބޮޑު ސަބަބަކީ އެނބުރި ރާއްޖެވަޑައިގެންފިނަމަ ނާސިރު ދެއްވާފާނެ އަދަބަކަށް ބިރުފުޅުންނެވެ.

ނައިޖީރިޔާގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން ނާސިރުގެ ފަރާތުން މައުމޫނަށް އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. އޭގެ ބަދަލުގައި މައުމޫނަށް ނާސިރުގެ ސަރުކާރުން ލިބެމުން ދިޔައީ ފަހި ފުރުސަތުތަކެކެވެ. އެ ފުރުސަތުތަކުގެ ތެރެއިން ރާއްޖޭގެ ރައީސްކަން މައުމޫނަށް ލިބިވަޑައިގެންނެވި އެވެ.

މައުމޫނަށް ރައީސްކަން ލިބިވަޑައިގެންނެވުމާއެކު ނާސިރުގެ ވެރިކަމުގައި ހިނގި ގިނަ ކަންތައްތަކެއް ދީނީ ގޮތުން ހުއްދަ ނޫން ކަންތައްތަކަށް ބަދަލުވި އެވެ. މުނިފޫހި ފިލުވުމުގެ ބައެއް ހަރަކާތްތައް މަނާކުރެވުނެވެ. ނާސިރުގެ ގިނަ އަމަލުތަކަކީ ދީނާ ދުރު އަމަލުތަކެއް ކަމަށް ނިމުނެވެ. ދީނީ އިލްމުވެރިއެއްގެ ގޮތުގައި ރައްޔިތުން މައުމޫނު ބަލައިގަތީ އުފަލުންނެވެ.

މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެމަނިކުފާނު ގަބޫލުކުރައްވާ ދީނުގެ މެދުމިންވަރު ފަހަނަޅާދާ މީހުންނާ މެދު ފިޔަވަޅު އެޅުއްވި އެވެ. އެއާއެކު ވެސް ދީނީ ގޮތުން މައުމޫނުގެ ވިސްނުންފުޅާ އިދިކޮޅު މީހުން އައީ ގިނަވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެ ގްރޫޕަށް ހިންދެމިލާކަށް ނުކެރެ އެވެ. މިސްރުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރު ވިސްނިވަޑައިގެންނެވި ގޮތަށް މުޅި ހަޔާތްޕުޅުގައި ވެސް މައުމޫނު މަސައްކަތް ކުރެއްވީ ދީނީ ގޮތުން ހައްދު ފަހަނައެޅުމާ ދެކޮޅަށެވެ.