1. ނޫސްވެރިކަމަކީ އަސްލު އެންމެ ފުރަތަމަ ޗޫޒް ކުރި ކެރިއާއެއް ނޫންދޯ. ކީއްވެ ނޫސްވެރިކަމަށް ދިޔައީ؟
ޖަވާބު: ލައްބަ. އެންމެ ފުރަތަމަ ލޯ ކިޔެވީ, ލޯ ފާމްއެއްގައި އިންޓާޝިޕްއެއް ނިންމާލާފައި ވަޒީފާއެއް ހޯދަމުން ދަނިކޮށް ފެނުނީ ނޫސްވެރިއެއް ހޯދަން އިއުލާންކޮށްފައި ހުރިތަން. ކެރިއާ ބިލްޑް ކުރަން ނޫނީ މި ދާއިރާއަށް ނުކުންނާކަށް ނޫން އަސްލު. އަބަދުވެސް ލިޔަން, ފޮތް އަދި ޅެން ކަހަލަ ލިޔުންތައް ވެސް ކިޔަން. ދެން ސްކޫލު ދައުރުގައި ވެސް ޖަލްސާތައް ވެސް ހުށަހަޅައިދީފައި ހުންނާނެ, ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެފައި. ދާއިރާއަށް ނުކުމެވުނީމަ ޝައުގުވެރިކަން ބޮޑަށް އުފެދުނީ. ކެމެރާ ކުރިމައްޗަށް އެރީމަ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރަށް ބޮޑުވެގެން ދިޔަ. އަޅުގަނޑުގެ މިޒާޖާ ވެސް ވަރަށް ގުޅޭ, އަޅުގަނޑާ ވެސް ގުޅޭ, ދާއިރާއަކަށް ވީ.
2. ޕޮލިސިސްޓިކް އޮވާރިއަން ސިންޑްރޯމް (ޕީސީއޯއެސް) އާ ބެހޭ ގޮތުން ހަދާފައި ހުރި އެކި ވީޑިއޯތައް ދުށިން. އަސްލު މި ކޮންޑިޝަން ހުންނަ މީހުންނަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އިތުރަށް ކޮށްދެވޭނީ ކޮންކަމެއް؟
ޖަވާބު: އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭ ގޮތަށް މި ސަރުކާރުން މަގުފަހިކޮށްދީފަ މިވަނީ. އޭތި ޑިޕެންޑް އެބަވޭ ދެން ޚިދުމަތް ހޯދާ ތަންތަނަށް ވެސް. އެކަމު ސީދާ މިފަދަ ސިއްހީ މައްސަލަތަކަށް ޚާއްސަކޮށް ސްޕެޝިލްސްޓް ޚިދުމަތް ފޯރުކޮށްދިނުމަށް, ވަސީލަތްތައް އިތުރުކޮށް, ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ފަރުވާ ހޯދޭނެ ގޮތް ފަހިވެގެން ދިއުމަކީ ދެކެން ބޭނުންވާ ކަމެއް. ހިތުގެ ބަލިތަކަށް, ކެންސަރަށް ވެސް ހާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތައް އަޅަމުން އެދަނީ. އެހެންވީމަ މިކަމަށް ޚާއްސަކޮށް, ނުކުރެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ.
3. ރާއްޖޭގެ ސިޔާސީ މަސްރަހު މި ވަގުތު "ސްޓޭބަލް" ކަމަށް ދެެކެންތަ؟
ޖަވާބު: "ސްޓޭބަލް" ވުން އެބަ މާނަ ކުރެވޭ އެކި ގޮތް ގޮތަށް. ޕޮލިޓިކަލް ސްޓެބިލިޓީއަށް ބަލާއިރު ރާއްޖެ މި އޮތީ ސްޓޭބަލް ކޮންނޭ އަޅުގަނޑަށް ބުނެވޭނީ. މިސާލަކަށް ލަންކާ, މިހާރު އެ ދަތުރުކުރަނީ އެ ސްޓެބިލިޓީއާ ދިމާލަށް. ވެރިކަން ވެއްޓި ގާނޫނު ހަދާ މަޖިލިސް އުވާލައި, މިއީ ޕޮލިޓިކަލް ސްޓެބިލިޓީ މުޅިން ގެއްލޭ ކަންތައްތައް. ރާއްޖޭގައި އެފަދަ ކަމެއް ނުހިނގާތާ 12 ވަރަކަށް އަހަރު ވެއްޖެ. ދެން ސިޔާސީ މަސްރަހަށް ބަލާއިރު, މި އޮންނަ ހަލަބޮލި ކަމާ, މި ކަންކަން އޮންނާނެ އަބަދުވެސް. ސަރުކާރާ, ފާޑުކިޔާ މީހުންނާ އެއީ މި ނިޒާމު ބައްޓަންވެފައި މި އޮންނަ ގޮތަކީ. އެއީ ސިޔާސީ ނަޒަރަކުން ބަލާއިރު އާންމު ކަންކަން.
4. ރާއްޖޭގަ އަދިވެސް ވަރަށް ގަދައަށް "މިސް އިންފޮމޭޝަން" ނުވަތަ ދޮގު މައުލޫމާތު ދައުރުވޭ ކަމަށް ދެކެންތަ؟
ޖަވާބު: ކުރިއަށް ވުރެ ބޮޑަށް އެކަން އެބަވޭ މިހާރު. "ޑިމޮކްރަސީ ދޮންވެ ފައްކާ ވީވީނުން", "ހައްގުތައް ކަށަވަރު ވެގެން" ކޮންމެ މީހަކަށް ކޮންމެ ވާހަކައެއްވެސް އެބަ ދެއްކޭ. އަދި ޓެކްނޮލޮޖީ އެޑްވާންސް ވާ ވަރަކަށް ވެސް އެ ކަންކަން އިތުރުވެގެން އެބަދޭ. މިސާލަކަށް އޭއައި މެދުވެރިކޮށް ވީޑިއޯ އޯޑިއޯ އުފެއްދޭ އެބަ. ކާކުކަން ނޭނގޭ އެކައުންޓުތަކުން ކުރާ ޕޯސްޓުތަކާ, ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކުން ވެސް ކަނޑައެޅިގެން ދޮގުކަން އެނގި ތިބެ އެ ޒާތުގެ ކަންކަން އެބަ ކުރޭ. އެކަމުގެ ސަބަބުން އެބަ މަގުފަހިވޭ މިކަމަށް. ކަންކަމުގެ ވާނުވާ ނުވަތަ ފުރިހަމަ މައުލޫމާތު ނޭނގޭ މީހުންނަށް އޮޅުންއަރާ, ކަމުގެ ހަގީގަތް އޮޅޭ ފަހަރު އެބަ އާދޭ ވަރަށް ގިނައިން. ރައްޔިތުން ވެސް ކަންކަމަށް ހޭލުންތެރިވުން މުހިންމު.
5. މި ފަހަކަށް އައިސް ދިވެހި ޓިކްޓޮކާސް މެދުވެރިކޮށް " ޕެއިޑް" ޕޮލިޓިކަލް ޕްރޮމޯޝަން ވަނީ އާންމުވެފައި. މި ކަމާ ދޭތެރޭ ދެކެނީ ކިހިނެތް؟
ޖަވާބު: އަޅުގަނޑު ނުދެކެން މައްސަލައެއް ކަމުގައެއް. ކޮންޓެންޓް ކްރިއޭޓަރުންކަނީ މާކެޓިން ޓޫލްސް. ބްރޭންޑުތަކުން ވެސް އެކަން އެބަކުރޭ. ރާއްޖެއާ އަދިވެސް ބީރަށްޓެހި ކަމެއް މިއީ. އެކަމަކު އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ބޮޑެތި ކްރިއޭޓަރުން, އިންފްލުއެންސަރުންގެ ޕްލޭޓްފޯމް ބޭނުންކޮށްފައި އެބަހުރި ކެމްޕެއިނަށް. މިއީ ދެ ފަރާތުން ވެސް އެއްބަސްވެގެން ކުރާ ކަމެއް. އެހެންވީމާ މިކަމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެން.
6. ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ދެކެންތަ؟
ޖަވާބު: ނޫސްވެރިކަމުގައި އަންހެނުންނަށް އެބަހުރި ގޮންޖެހުންތައް. އަޅުގަނޑު އަބަދުވެސް މި ވާހަކަ ދައްކާނަން. އަންހެނަކަށް ވީމާ "ނުކުރެވޭނެ" ކަންކަން ހުންނަ ކަމަށް ދެކޭ މީހުން އެބަ އުޅޭ މި ދާއިރާގައި. އަންހެންނަށް ކެރިއާ ބިލްޑުކުރަން ވެސް ހުރަސް އެބަހުރި. ސިޔާސީ ބޮޑެތި ވާހަކަ ދެއްކުމާއި ކަންކަމަށް ފާޑުކިޔަނީ އަންހެނަކަށް ވިއްޔާ އެބަ ބުނޭ ކަންކަން ރަނގަޅަށް ނޭނގި ދައްކާ ވާހަކައޭ. ވަޒީފާއަށް އިންޓަވިއު ކުރާއިރު, ފިރިއެއް ހުރޭތޯ, މީހަކާ އިންނަނީ ކޮން ދުވަހަކުން ތޯ, ދަރިން ހޯދަން ޕްލޭން ކުރަނީ ކޮން އިރަކުތޯ, މި ހުރިހާ ސުވާލެއް އެބަ ކުރޭ. ވަކި މި ދާއިރާއެއް ނޫން, އަދިވެސް ހަމަ ޖިންސީ ތަފާތުކުރުމުގެ މައިންޑްސެޓް ގެންގުޅޭ މީހުން ގިނަ. އަޅުގަނޑަށް ތަޖުރިބާ ކުރެވިފަ ހުރި ކަންކަން މިއީ.
7. ގިނަ ދިވެހިންނަކީ އަބަދުވެސް އެކަކު އަނެކަކަށް ހެޔޮ ގޮތެއް ނޭދޭ ބަޔެއްކަން މީ ވަރަށް ފާހަގަވާ ކަމެއް. އަސްލު މީ ކިހިނެތް އައި ނުރަނގަޅު ކަމެއް ކަމަށް ދެކެނީ؟
ޖަވާބު: ރާއްޖެއަކީ ވަރަށް ކުޑަ މުޖުތަމައުއެއް. އެންމެންނަށް އެންމެން ވެސް އިނގޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެހެން މީހުންގެ ކުރިއެރުމާ މެދު ހަސަދަވެރިވާތީ އެއީ. ހަނި ފުރުސަތުތަކެއްގެ ތެރެއިން ބުރަ މަސައްކަތުން މީހަކު ދެމިގަނެ ކުރިއަރައިދިޔާމަ އެކަން ކުރުމުގެ ގާބިލުކަން ނެތް މީހުން އާންމުކޮށް އެކަހަލަ ވާހަކަ ދައްކާނީ. ފާޑުކިޔުމަކީ މުޅިން އެހެން ކަމެއް. އެކަމު ގިނަ ދިވެހީން ފުރަތަމަ ވެސް ޕާސަނަލީ އެޓޭކް ކުރަން މި ފަށަނީ. ކުރިއަރަން މަސައްކަތް ކުރާ ނޫނީ ކާމިޔާބު މީހުން, އެ މީހުން ފަދަ އެހެން މީހުންނާ ގުޅޭގޮތުން އެ ޒާތުގެ ވާހަކައެއް ނުދައްކާނެ.
8. ޕޮލިޓިކްސްގެ ތެރެއަށް ވަނުމުގެ ވިސްނުން އެބަހުރިތަ؟
ޖަވާބު: އެބަހުރި. އެކަމަކު މިވަގުތު ބޭނުންވަނީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަރައި ދިއުމަށް. މުސްތަގުބަލުގައި ސިޔާސީ ދާއިރާއިން ފެންނާނެ އިރާދަކުރެއްވިއްޔާ.
9. ވަރަށް އިންސްޕަޔާ ވާ މީހެއް އެބަހުރިތަ؟
ޖަވާބު: އެހެން ފާހަގަކޮށްލެވޭ ވަކި މީހެއް ނެތް. ތިބޭނެ އެޑްމަޔާ ކުރާ, ލުކްއަޕް ކުރާ މީހުން. ކުޑަކޮށް ސެލްފް އޮބްސެސްޑް ޖަވާބަކަށް ވެދާނެ. އެކަމަކު އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީ އަމިއްލަ ނަފްސު. އަމިއްލަ ތަޖުރިބާއިން, އަމިއްލަ ސްޓްރަގްލްތަކުން އިންސްޕަޔާ ވަނީ އަބަދުވެސް. الله އަށް ހަމްދު ހުރި. ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ. ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު އަދިވެސް އިރާދަކުރެއްވީތީ އެބަހުރި.
10. ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާންތަ ވިސްނުން ހުރީ؟
ޖަވާބު: މިވަގުތު ވިސްނުން ހުރީ މި ދާއިރާއިން ކުރިއަށްދާން. ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަން ބޭނުން. ދާއިރާގައި ހުރި ގޮންޖެހުންތަކާއި, ހުރަސްތައް ނައްތާލައި ނޫސްވެރިކަން ކުރުމުގެ އިތުރުން, ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް, ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އަދި މިނިވަން ނޫސްވެރިކަމަށް ބާރުއެޅުމަށް މަސައްކަތް ކުރަން ބޭނުން. މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ކަންކަމާ ދެކޮޅަށް ވަކާލާތު ކުރަން ބޭނުން. އައި ހޭވް ބިގް ޑްރީމްސް އިޒް ވަޓް އައި ކޭން ސޭ.