މާފަންނު މަދަރުސާގެ ތިރީބުރީގައި އަންނަ އަހަރު ހޯލެއް އިމާރާތްކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.ރައީސް މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް ނެތުމުގެ ކަންބޮޑުވުން އެ ސްކޫލުގެ ތުއްތު ދަރިވަރުން ވަނީ ފާޅުކޮށްފަ އެވެ.

އެ ސްކޫލްގައި ކިޔަވަމުންދާ ތުއްތު ކުދިންތަކެއް ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ މާފަންނު މަދަރުސާގެ ތިރީބުރީގައި އަންނަ އަހަރު ހޯލެއް އިމާރާތްކޮށްދެއްވާނެކަމަށެވެ.މި ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ވަނީ އެ ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުރުމުގެ ސަބަބުން އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. އެ ދަރިވަރުންގެ ކަންބޮޑުވުމާއި ގުޅިގެން ރައީސް ވަނީ އަންނަ އަހަރު އެ ސްކޫލްގެ ގްރައުންޑްގައި ހޯލެއް އަޅުއްވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"މިއަންނަ އަހަރު މި ސްކޫލްގައި (މާފަންނު މަދަރުސާގައި) ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް އަޅައިދޭނެކަމުގެ ޔަޤީންކަންއަރުވަން" ރައީސް ވިދާޅުވި އެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއްކަމަށާއި އަދި މާފަންނު މަދަރުސާއިން ތައުލީމު ހާސްކޮށްފައިވާ ދަރިވަރުން ދަނީ މިއަދު އެކިއެކި ދާއިރާތަކުން ޤައުމަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވަމުންކަމަށެވެ.

މާފަންނު މަދަރުސާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާއި އެކީގައި އެހީތެރިކަން ދެމުންދާ ސްކޫލެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށެވެ.

"ސެންޓީޗަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އައު ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެ ދަނީ. އައު ކޮންސެޕްޓެއްގައި އިންކްލޫސިވް ގޮތެއްގައި ހުރިހައި ޓީޗަރުންނަކީވެސް އެ ދާއިރާއަށް ތަމްރީން ލިބިފައިވާ ޓީޗަރުންނަށް ހެދުމަށް ދަނީ މަސައްކަތް ކުރަައްވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތައް އެ ސިޔާސަތު ތަންފީޒްކުރުމަކީ އެންމެ ބޭނުންވާގޮތްކަމަށް ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ އެ ސުކޫލަށް ހިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ.