މި މަހުގެ 12 ވަނަ ދުވަހު ތިން މިނިސްޓްރީއެއް ހިމެނޭ، މ. ގްރީން ބިލްޑިންގގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސީޕީ މިފަދައިން ވިދާޅުވީ މިކަން ހާމަކުރުމުގެ ގޮތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ ތަހުގީގު ޓީމެއްގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަން މީގެ ކުރިންވެސް ސީޕީވަނީ ވިދާޅުވެފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަލިފާނުގެ ހާދިސާ އެންމެ ފުރިހަމައަށް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޕޮލިސްސާވިސްގެ ފޮރެންސިކް ޓީމުން އެތަނުގައި ހަރަކާތްތެރި ވަމުންދާކަމަށާ އެތަނުން ނަގަން ޖެހޭ ސަމްޕަލްތައް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސީޕީ އޭރު ވަނީ ވިދާޅުވެފަ އެވެ.

ސީޕީ ވިދާޅުވީ މޯލްޑީވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ޓީމުން އަލިފާނުގެ ހާދިސާ ހިނގިތަނުން އެއްކުރަން ޖެހޭ ސާމްޕަލްތައް އެއްކޮށް ތަހުގީގު ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށެވެ. ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފޫޓްއޭޖް ނަގާ އެނަލިސިސް ކުރުމުގެ މަސައްކަތް ތަހުގީގު ޓީމުތަކުން މިހާރު ކުރިއަށް ގެންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެންމެ ފުރަތަމަ އެ މަންޒަރު ދުށް މީހުންނާއި އަލިފާނުގެ ހާދިސާ ހިނގި ވަގުތު މިނިސްޓްރީ ތެރޭގައި ތިބި މީހުންގެ ބަޔާން ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ގަބޫލުކުރެވޭ މީހުން ހޯދާ އެފަރާތްތަކާ ސުވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގާ ދިޔަގޮތް އެންމެ ފުރިހަމައަށް ތަހުގީގު ކުރުމަށް ރާއްޖޭން ބޭރުގެ ތަހުގީގު ޓީމެއްގެ އެހީތެރިކަން ހޯދަން އޭރު ނިންމާ އެކަން އިއުލާނު ކޮށްފައިވާއިރު، އެކަމުގެ އަމަލީ މަސައްކަތް ވެސް މިހާރު ފެށިގެން ދަނީ ކުރިއަށެވެ.

މި އަލިފާނުގެ ހާދިސާގައި ތިން މިނިސްޓްރީއެއް ހިންގި އިމާރާތަށް ގެއްލުންވެފައިވާއިރު، އެ މިނިސްޓްރީތަކުގެ ޚިދުމަތްތައް ވަގުތީ ގޮތުން މިހާރު ދެމުންދަނީ ދަރުބާރުގޭގަ އެވެ.