ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގި ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، ރަޖްނީ ޝުއައިބަށް ނުހައްގުން ވިނަރެސް ފްލެޓެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ރަޖްނީގެ އިތުރުން އޭނާގެ އަންހެނުން ޒުހުދާ ރަޝީދުއަށް ވެސް ވަނީ ނުހައްގުން ވިނަރެސް ފްލެޓް ލިބިފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިނަރެސް ފްލެޓްތައް ދިނީ އިއުލާންކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ބާކީ ހުރި 123 ވިނަރެސް ފްލެޓް ރިޝްވަތު ނަގައިގެން ވަނީ މި ސަރުކާރުން ވިއްކާލާފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވިނަރެސް ފްލެޓް ވިއްކަން ހުޅުވާލުމުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ހައްގުވެރިން ކަނޑައެޅުމަށްފަހު އެޗްޑީސީގެ ވެބްސައިޓްގައި ވެސް އެ ލިސްޓް އާންމުކުރި އެވެ. މި ސަރުކާރުން ވަނީ އެ ލިސްޓް ފަހުން ވެބްސައިޓުން ނަގާފަ އެވެ. އެކަމަކު އޭގެކުރިން އެ ލިސްޓް ބައެއް ފަރާތްތަކުން ވަނީ ޑައުންލޯޑްކޮށްފަ އެވެ.

ވިނަރެސް ފްލެޓް ލިބޭ ކަމަށް އެޗްޑީސީން އާންމުކޮށް އިއުލާންކުރި މީހުންގެ ލިސްޓްގައި ރަޖްނީ އާއި ޒުހުދާގެ ނަމެއް ނެތެވެ. ދެން ވިނަރެސް ފްލެޓް ދިނީ ސީލައިފް ކުންފުނީގެ ސަބަބުން ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ މީހުންނަށެވެ. އެ މީހުންގެ ތެރޭގައި ރަޖްނީ ނުހިމެނެ އެވެ. އުސޫލުގެ ތެރެއިން ވިނަރެސް ފްލެޓް ލިބޭނެ އިތުރު ގޮތެއް ނޯވެ އެވެ. މީގެ އިތުރުން ރަޖްނީއަށް ކ. މާފުށިން ވެސް ގޯއްޗެއް ލިބިފައިވެ އެވެ.

އެހެނިހެން ގޮތްގޮތުން ވިނަރެސް ފްލެޓް ދިން މީހުންގެ ލިސްޓް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ ފަޅާއަރުވާލާފަ އެވެ. އެއީ ކޮރަޕްޝަންގެ ތެރެއިން ފްލެޓް ލިބުނު މީހުންނެވެ.

ރަޖްނީއަށް ފްލެޓް ލިބުނުގޮތާ ބެހޭގޮތުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް ހަސަން ކުރުސީގެ އެކައުންޓުން ވަނީ އޭނާގެ ކިބައިން އެދި ޕޯސްޓްތަކެއްކޮށްފަ އެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ އޭނާ ވަނީ އެ އެކައުންޓް އަންފޮލޯކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.