ބަޚުލޫލާކީ ކާކުތޯ އަހާ މީހުން ފަހަކަށް އައިސް ގިނަ ވެއްޖެ އެވެ. ކުއްލިއަކަށް ބަޚުލޫލެއް ތިލަވެގެން މިއުޅެނީ ކިހިނެއް، ކޮން ގޮތަކަށްކަން ސާފު ނުވިޔަސް ބަޚުލޫލަކީ ކާކުތޯ ކުރާ ސުވާލަށް ޖަވާބެއް ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެކަމަކު ބަޚުލޫލަކީ ކާކުތޯ ބެލުމުގެ ކުރިން މިގެނެސްދެނީ ބަޚުލޫލާ ގުޅޭ ވާހަކައެކެވެ.

ޚަލީފާ ހާރޫނުއް ރަޝީދުގެ ދަރުބާރަށް ބަޚުލޫލު ހާޒިރުވި އެވެ. ބަޚުލޫލުގެ މޮޔަކަމާއެކު ވެސް އޭނާ ދައްކާ މަޖާ ވާހަކަތަކަށް ޚަލީފާ ވަރަށް ރުހިވަޑައިގަންނަވަ އެވެ. އެހެންކަމުން ޚަލީފާ ބަޚުލޫލާ މުޚާތަބު ކުރައްވައި ވިދާޅުވި އެވެ. އޭ ބަޚުލޫލެވެ. އަހަރެންގެ އަސް އެއްގޮތަކަށް ވެސް ފެނެއް ނުބޮ އެވެ. ކަލޭގެ ބުއްދިވެރި ސިކުނޑިން މިކަމަށް ހައްލެއް ހޯދައިދީ ބަލާށެވެ. ބަޚުލޫލު އިރުކޮޅަކު ވިސްނައިލުމަށްފަހު ދެންނެވި އެވެ. ލަގަނެއް ދެއްވާށެވެ. ރަސްގެފާނުގެ އަމުރުފުޅަށް ބަޚުލޫލަށް ލަގަނެއް ފޯރުކޮށްދެވުނެވެ. ބަޚުލޫލު އެ ލަގަން އޭނާގެ އަނގައިގައި އެޅި އެވެ. އެއަށްފަހު ހަތަރެސްފައި ޖަހާފައި އަހެއްހެން ދަރުބާރުގައި ހިނގަން ފެށި އެވެ. ދަރުބާރުގައި ތިއްބެވި އެންމެހާ ޖަލީސުން އެ މަންޒަރު ބަލަން އާޝޯޚުވެފައި ތިއްބާ ބަޚުލޫލު ހަތަރެސްފައި ޖަހާފައި ގޮސް އެތާނގައި ހުރި ފެން ބާލިދީއެއްގެ ކައިރިއަށް ހުއްޓި އޭގައި ތުންޖަހައި ފެން ބޮނީހެން ހީވާ ގޮތަށް އިރުކޮޅަކު އޮތެވެ. އެއަށްފަހު ތެދުވެ އަނގައިން ލަގަން ނަގައިފައި ޚަލީފާ އަށް ދެންނެވި އެވެ. މައްސަލަ ސާފު ވެއްޖެ އެވެ. ހަދަން ވީގޮތަކީ އަހުގެ އަނގަމަތީގައި ލަގަން އަޅުވަންވީ އެވެ. އެއަށްފަހު ފެން ބާލިދީގެ ކައިރިއަށް ގެންދަންވީ އެވެ. އެގޮތަށް ހެދުމުން އޭތި ފެން ބޯނެ އެވެ. ދަރުބާރުގައި ތިބި އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

އެހެން ވާހަކައެކެވެ.

ކޫފާގެ މާރުކޭޓެއްގެ ތެރެއިން ބަޚުލޫލު ހިނގައިފައި ދަނިކޮށް މީހަކު ވިއްކަން ބާއްވާފައި އޮތް ހިމާރަކާ ދިމާވި އެވެ. އެ ހިމާރާ ބެހޭގޮތުން ބަޚުލޫލު ސުވާލު ކުރުމުން އޭގެ ވެރިމީހާ ހިމާރުގެ މޮޅުކަމާއި ބުއްދިވެރިކަމުގެ ވާހަކަ ދެއްކުމުގެ ތެރޭގައި އެ ހިމާރަށް ލިޔެކިޔަން ވެސް ދަސްކޮށްދެވިދާނެ ކަމަށް ބުންޏެވެ. ބަޚުލޫލު ބަލާކަށް ނުހުރެ ހިމާރު ގަނެފި އެވެ. ހިމާރު ގަނެގެން ގެއަށް ގެންގޮސް ބަޚުލޫލު ފެށީ ހިމާރަށް ލިޔެކިޔަން ދަސްކޮށް ދިނުމުގެ މަސައްކަތެވެ. ބަޚުލޫލު ކުރި މަސައްކަތުން ކާމިޔާބެއް ނުލިބުނެވެ. ހިމާރު ހިމާރެއްގެ ގޮތުގައި ގަމާރުވެފައި ބަޚުލޫލަށް ބަލަހައްޓައިގެން އޮތުން ނޫން ކަމެއް ނުކުރެ އެވެ. އައި ރުޅީގައި ހިމާރު ގޮވައިގެން ބަޚުލޫލު ބާޒާރަށް ގޮސް އޭތި ވިއްކި މީހާ ގާތު ބުންޏެވެ. ކަލޭ މި ހިމާރު ވިއްކަމުން އެއަށް ލިޔެ ކިޔަން އެނގޭނެ ވާހަކަ ބުނީ ކީއްވެގެން ހެއްޔެވެ. ބަޚުލޫލުގެ ވާހަކަ އަޑު އަހާފައި ހިމާރު ވިއްކި މީހާ ބުންޏެވެ. އަހަރެން ތިޔަހެނެއް ނުބުނަމެވެ. އަހަރެން ބުނީ އޭތި ބުއްދިވެރި ވާހަކަ އެވެ. އޭތީގެ ބުއްދިވެރިކަމުގެ ސަބަބުން އެއަށް ނުވާވަރުގެ ކަންތައް ކުރެވިދާނެ ކަމަށް އެހެން މީހުންނަށް ގަބޫލުކޮށްދިނުމުގެ ކުޅަދާނަކަން އެއަށް ލިބިގެންވެ އެވެ. އެމީހާގެ ވާހަކަ އަހާފައި ބަޚުލޫލު އައީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާގެ ސޭކުކަން ހިތަ އެވެ.

ބަޚުލޫލާކީ ކާކު؟

ބަޚުލޫލަކީ ޚަލީފާ ހާރޫނުއް ރަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކޫފާގައި އުޅުނު އިލްމުވެރި އެކެވެ. އޭނާގެ އަސްލު ނަމަކީ ވައްހާބް އިބްނު އަމްރު އެވެ. ޚަލީފާ ހާރޫނުއް ރަޝީދާއި ބައެއް އިލްމުވެރިންނާ ޖެހުނު މައްސަލައެއްގައި ހެކިދިނުމަށް ބަޚުލޫލަށް ޖެހުނެވެ. އެހެނަސް އެކަން ކުރާކަށް ބަޚުލޫލު ބޭނުމެއް ނުވި އެވެ. އެހެންކަމުން ބަޚުލޫލު އޭނާގެ އިމާމުކުރެން ލަފަޔަކަށް އެހި އެވެ. އިމާމުގެ ލަފައަކަށްވީ މޮޔައެއްކަމުގައި ހެދޭށެވެ. އެއިރުން ހެކިދޭކަށް ނުޖެހޭނެ އެވެ. އަދި ޚަލީފާގެ އަދަބުން ވެސް ސަލާމަތްވީ އެވެ. އެ ދުވަހުން ފެށިގެން ބަޚުލޫލަކީ މޮޔައެކެވެ.

އޭނާ އުޅެނީ ދަނޑި ބުރިއަކަށް ސަވާރުވެގެން އަހެއް ގޮތަށް ދުއްވާފަ އެވެ. ޚަލީފާގެ ދަރުބާރަށް ވެސް އޭނާއަށް ވަދެވެ އެވެ. އޭނާގެ މޮޔަ ވާހަކަތަކަކީ ހެއްވާ ވާހަކަތަކަށް ވުމުގެ އިތުރުން ފޮރުވިފައިވާ ހިކުމަތްތެރި މާނަތަކެއް އެކުލެވޭ ވާހަކަތަކެއް ކަމުގައި މީހުން ގަބޫލުކުރެ އެވެ. ބަޚުލޫލުގެ ވާހަކަތަކުގެ މައްޗަށް ސިލްސިލާ ޑްރާމާތަކެއް ވެސް ވަނީ އުފައްދާފަ އެވެ. ކޮންމެއަކަސް ބަޚުލޫލަކީ ނަން މަޝްހޫރު މޮޔައެކެވެ.