ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް "ޕެންޑާ"އަކީ އާ ނަމަކަށް ނުވާނެ. ރާއްޖޭގެ އެންމެ މަގްބޫލު އެއް ބޭންޑު "ސިމްބޮލިކް ރެކޯޑްސް"ގެ މުހިއްމު ހިއްސާއެއް ކަމަށްވާ މުހައްމަދު އިހުސާން ނުވަތަ އާއްމު ނަމުންނަނަމަ ޕެންޑާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އާޓިސްޓެއް.

1. މިއުޒިކްގެ ދާއިރާއަށް ޝައުގުވެރިވީ ކިހިނެއް؟

Adv by Coca Cola
Coca Cola
Adv by Dhiraagu
Dhiraagu

ޖަވާބު: އާއިލާއަކީ އަބަދުވެސް މިކަމުގައި އުޅޭ ބައެއް. ހާއްސަކޮށް ބޭބެއަކީ ކުރީގެ ޑީޖޭއެއް. ބޭބެ ޝޯތަކަށް ލަވަސެޓުތައް ހަދާއިރު އެކި ޖޯންރާތަކުގެ ލަވަތައް އިވި އެކަން ކުރާއިރު ކައިރީގައި އިނދެ ޝައުގުވެރިކަން އުފެދުނީ.

2. މިހާރު ކުރަމުންދާ މަސައްކަތްތައް ކުޑަކޮށް ކިޔައި ދެވިދާނެތަ؟

ޖަވާބު: ޕްރޮޑަކްޝަން ހައުސްގެ ވަރަށް ގިނަ އަލްބަމްތަކެއްގެ މަސައްކަތް ކުރިއަށް އެބަދޭ. މި އަހަރަކީ ވަރަށް ބައިވަރު ލަވަތަކެއް ނުކުންނާނެ އަހަރެއް ކަމަށް މި ބަލަނީ.

3. މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ކޮބާ؟

ޖަވާބު: މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ޑާކްރެއިންއާއެކު ކުރެވުނު މަސައްކަތެއް. އެއީ "ބިބީ" ފިލްމަށް ހެދި ޕްރޮމޯ ލަވަ. އެ ލަވަ ވަނީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ވެސް ސްކްރީން ކުރެވިފައި.

4. މިއުޒިކެއް ހަދާއިރު އެންމެ އިސްކަންދެނީ ކޮން ކަމަކަށް؟

ޖަވާބު: އެންމެ ބޮޑަށް އިސްކަން ދެނީ އެ ލަވައެއްގަ ހުންނަންވާ އިހުސާސް އަޑުއަހާ މީހަކަށް ފޯރުކޮށްދޭން. މިސާލަކަށް ލޯބީގެ ލަވައެއް ނަމަ އެ ލަވައިގެ ޅެމުން އަދި މިއުޒިކުން އެ އިހުސާސް އެހުންތެރިންނަށް ކުރުވައިދެވޭތޯ ވަރަށް މަސައްކަތް ކުރަން.

5. ސިމްބޮލިކް ރެކޯޑްސްއާ ގުޅުނު ގޮތް ކިޔާދީފާނަންތަ؟

ޖަވާބު: ސިމްބޮލިކް ރެކޯޑްސްއާ އެންމެ ފުރަތަމަ ގުޅުނީ "ފަސްތަރީންގެ ލަޝްކަރީން" ހެދި ދުވަސްވަރު. އެ މަސައްކަތުގެ ތެރެއިން އެއް ދުވަހަކު ޓޯއީ ބުނީ އެސްއާރުގެ ލަވައަކަށް ޖޮއިން ވާންވީއެއް ނޫންހޭ. ދެން ހަމަ އެ ދުވަހުން ދުވަހަށް 30 މިނެޓު ތެރޭގައި ޕެންޑާއަށް ދިން ބައި ހަދައި ރެކޯޑުކޮށް ނިންމާލީ.

6. ވަޒީފާގައި އުޅެމުން މިއުޒިކަށް ވަގުތު ހުސް ކުރަނީ ކިހިނެއް؟

ޖަވާބު: އަސްލު މިއުޅޭ ތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. ޝޯއެއް ނުވަތަ އިވެންޓެއް އޮތަސް ޑިއުޓީ ޝެޑިއުލް ބަދަލު ކޮށްދޭނެ. އެހެންވީމަ މިގޮތަށް މިކަމުގައި މި އުޅެވެނީ.

7. މި ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކޮބާ؟

ޖަވާބު: ކުރިން ބުނި ގޮތަށް ބިބީގެ ލަވަ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ސްކްރީން ކުރުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ. އެ ފިލްމު ވަނީ ސްޕެއިންގެ އިތުރުން ވެސް ބޭރުގެ އެހެން ބައެއް ގައުމުތަކުގައި ވެސް ދައްކާފައި.

8. މިއުޒިކްގެ ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟

ޖަވާބު: މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި ހިޕްހޮޕް ޖޯންރާ އިތުރަށް ފުޅާވެގެން ދިއުން. އަސްލު ތެދަށް ބުނަންޏާ ރާއްޖޭގައި އެބަތިބި ވަރަށް ހުނަރުވެރި ކުދިން. ޝޯތަކަށް ގޮސް އުޅޭއިރު ވެސް ދިމާވޭ ވަރަށް ހުނަރުވެރި ކުދިންނާ. އެ ކުދިންނަށް އެ ފުރުސަތު ލިބުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް.

9. ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮން ބަޔަކަށް؟

ޖަވާބު: ތިއީ ވަރަށް ދިގު ލިސްޓެއް. އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރަން ބޭނުމީ މަންމައަށް. އެންމެ ކުޑައިރުއްސުރެ މަންމަގެ ވަރަށް ބޮޑު ސަޕޯޓެއް މިކަމުގައި ލިބޭ. ދެން ބޭބެއަށް. ބޭބެ ބުނެދޭނެ އެއްޗެއް ހަދާއިރު ރަނގަޅު ކޮށްލަންވީ ކަންތައްތަކާއި މަދުވާ އެއްޗެހި ވެސް. އާއިލާގެ އެހެން މެމްބަރުންނަށް ވެސް ވަރަށް ސަޕޯޓިވް. އޭގެ އިތުރުން ދެން ޝުކުރު އަދާކޮށްލަން ބޭނުމީ ސިމްބޮލިކްގެ މުޅި ފެމިލީއަށް. އެސްއާރުއަށް ވަތް ފަހުން މިއުޒިކް ކޮމްޕޯސިން އަދި ލިރިސިޒަމް އިން ވެސް ގިނަ އެއްޗެހިތަކެއް ދަސްވަމުން މީހާ ޑިވެލޮޕް ވަމުން މިދަނީ. އެމީހުންނާ ނުލާ މިހާހިސާބަށް ނާދެވުނީސް.

10. މި ދާއިރާއަށް އަލަށް ވަންނަ ކުދިންނަށް ދޭނީ ކޮން މެސެޖެއް؟

ޖަވާބު: އަލަށް ވަންނަ ކުދިންނަށް ބުނެލަން އޮތީ އަޒުމެއް އޮތިއްޔާ ކޮންމެ ކަމަކީ ވެސް ކާމިޔާބު ކުރެވޭނެ ކަމެކޭ. މަޝްހޫރުކަން ހޯދަން އުޅެގެން މި ދާއިރާއިން ކުރިއަށް ދާން އުނދަގޫވާނެއޭ. ކުރާ ހިތުން މިކަން ކޮށްގެން އެކަމަށް އެންމެ ބެސްޓް ދީގެން މި ދާއިރާއިން ކުރިއަށް ދާން ޖެހޭނީ.