ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ފްލެޓު ލިސްޓް އާންމުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދަތުރުގައި ބައިވެރިވި ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ކުރަމުން ދަނީ ވައުދުވެ ވަޑައިގެންނެވި ގޮތަށް ގޯއްޗާއި ފްލެޓު ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު މި ސަރުކާރު އައިސް ވަނީ އިވަލުއޭޓު ކުރުމަށް ކަމަށް ބުނެ ހިފަހައްޓާފަ އެވެ. އޭގެ ފަހުން އެތައް ދުވަހެއް ވެފައިވާއިރު، ސަރުކާރުން ދަނީ ލިސްޓް އާންމުކުރުމަށް އެކި ތާރީހުތައް ދެމުންކަން ފާހަގަކޮށްލެވެ އެވެ.

މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް އަދި ފްލެޓް އަތުނުލާނެކަމަށް ކަމަށާއި ނަމަވެސް މަކަރު ހަދައިގެން ދޮގު ހަދައިގެން ފްލެޓު ހޯދާފައިވާނަމަ ފްލެޓު ނުވަތަ ގޯތިވެސް ނުލިބޭނެކަމަށެވެ.

"އެކަހަލަ ކަންތައްތަކެއް ހިނގާފައި ހުރިއްޔާ ނޫނީ އޭސީސީން އެ ބެލި ބެލުންތަކުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފައި ހުރި ބަޔަކު ފިޔަވާ އެންމެންނަށް ވެސް އަޅުގަނޑު ވައުދުވި ގޮތަށް ގޯއްޗާއި ފްލެޓު ދޭން ބޭނުންވަނީ. އަޅުގަނޑު އުއްމީދު މިކުރަނީ ވީހާ ވެސް އަވަހަކަށް 4،000 ފްލެޓުގެ ކަންތައް ނިންމައި އިއުލާނު ކުރެވިދާނެ ކަމަށް." ރައީސް ވިދާޅުވި އެވެ.

އަންނަ ރޯދަ މަހުގެ ކުރިން ފްލެޓު ލިސްޓު އިއުލާނު ކުރެވިދާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ މަސައްކަތް ކުރަނީ ރޯދައިގެ ކުރިން އިއުލާނު ކުރުމަށް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ނިމިދިޔަ 2023 ވަނަ އަހަރު، ފްލެޓް ލިސްޓް އާންމުކުރުމަށް ތިން ތާރީހެއް ދެއްވާފަ އެވެ. ނަމަވެސް އަހަރު ނިމި 2025 ފެށިގެން ދިޔައިރުވެސް ފްލެޓު ލިސްޓް މި ސަރުކާރަށް އާންމުނުކުރެވޭއިރު، މިހާރު ވަނީ ހައުސިން މިނިސްޓްރީ އުވާލައި ހައުސިން މިނިސްޓަރުވެސް އެހެން މިނިސްޓްރީއަކަށް ބަދަލު ކުރައްވާފަ އެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތްތައް މިހާރު ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.