މިސްރާއި ގަތަރާއި ފަލަސްތީނުގެ ވެރިކަން ކުރަމުން އަންނަ ހަމާސްއިން، އިޒްރޭލާއެކު ކުރަމުން ގެންދާ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްގެ އެންމެ އިސް އެއް ސިޔާސީ ފަރާތް ކަމަށްވާ މަރުވާން ބަރުޣޫތީ މިނިވަންކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މެދުއިރުމަތީގެ ޚަބަރުތައް ދިރާސާކުރާ މަސްދަރުތަކުން ބުނެފި އެވެ.
މިޑްލް އީސްޓް އައިއިން ރިޕޯޓުކޮށްފައިވާ ގޮތުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މަރުވާން ބަރުޣޫތީ މިނިވަންކުރުމަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
މެދުއިރުމަތީގެ ޚަބަރުތައް ދިރާސާކުރާ މަސްދަރުތަކުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ޔަހޫދީން، ދިގު މުއްދަތަކަށް ޖަލަށްލާފައި ތިބި ފަލަސްތީނުގެ ސިޔާސީ ލީޑަރުންގެ ތެރެއިން މިނިވަންކުރާނެ ކަމަށް ބުނާ މީހުންގެ ލިސްޓުގައި ވެސް ބަރުޣޫތީގެ ނަން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ރަސްމީކޮށް އެ ލިސްޓުގައި ތިބި މީހުންގެ މަޢުލޫމާތު އާންމު ނުކުރާތީ އެކަން ކަށަވަރުކޮށްދޭން ދަތި ކަމަށް ބުނެފައިވެ އެވެ.
ހަމާސްގެ ލީޑަރުންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މި އެއްބަސްވުމުގައި ހަމާސްގެ މައިގަނޑު އަމާޒަކީ ބަރުޣޫތީ މިނިވަންކުރުން ކަމަށެވެ. އަދި އިޒްރޭލް ސިފައިން މިނިވަންކުރުން ވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީ އާއި މިސްރުގެ އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރު މޭޖަ ޖެނެރަލް ހަސަން މަހުމޫދު ރަޝާދު އަމިއްލަފުޅަށް ވެސް މީގެ ކުރިން ބަރުޣޫތީ މިނިވަންކުރުމަށް ގޮވާލައްވާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތަކާ ގުޅިގެން ރިޕޯޓުގައި ވާގޮތުން އިޒްރޭލުގެ އެއްވެސް އަސީރަކު މިނިވަން ކުރާނަމަ އެންމެ ފުރަތަމަ ޝަރުތަކީ ބަރުޣޫތީ މިނިވަން ކުރުން ކަމަށާއި އެހެން ނަމަވެސް އޭގެން އެއްވެސް އަސީރަކު މިނިވަންކުރާނަމަ އެ މީހަކު ފޮނުވަން ހަމަޖެހިފައިވަނީ މިސްރު، ގަތަރު ނުވަތަ ތުރުކީއަށެވެ.
ފަލަސްތީނުގައި މިވަގުތު ތިބި އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން ވެސް އެންމެ އަރައި ހުންނެވި ބޭފުޅަކީ ބަރުޣޫތީ އެވެ. އެހެން ކަމުން ފަލަސްތީނުގައި ބަރުޣޫތީއަށް ތާއީދު ވަރަށް ބޮޑުކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ކަމުން އޭނާ މިނިވަން ކުރުމަކީ ހަމާސް ޖަމާއަތުން މިވަގުތު އެންމެ ބޮޑަށް ހިފާފައިވާ އަމާޒުކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ބަރުޣޫތީ އަކީ އުމުރު ދުވަހުގެ ފަސް ހުކުމެއް މިހާރު ވެސް ތަންފީޒުކުރަމުން އަންނަ ބޭފުޅަކަށް ވާއިރު، އޭނާއަށް ކުރެވިފައިވަނީ ގަސްދުގައި މީހުން މެރުމުގެ ދައުވާތަކެވެ. ނަމަވެސް ޔަހޫދީންގެ މި ތުހުމަތުތަކަށް ބަރުޣޫތީ ދެކޮޅުހައްދަވަ އެވެ.
ޔަހޫދީންގެ އެއްވެސް ތުހުމަތަކަށް ދިފާއީ ހެއްކެއްވެސް ބަރުޣޫތީ ހުށަހަޅާފައި ނުވާއިރު، އޭނާ ވަނީ ޔަހޫދީންގެ މި އަނިޔާވެރި ވާހަކަތައް ދޮގުކުރައްވާފަ އެވެ.