ދުނިޔޭގައި ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު 119 އަހަރުގެ ބްރެޒިލްއަށް ނިސްބަތްވާ ޑިއޯލިރާ ގްލިސޭރިއާ ޕެޑްރީ ޑަ ސިލްވާއަށް ލިބެން ގާތްވެއްޖެ އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖިނޭރޯގައި އޭނާގެ ދެ މާމަ ދަރިންނާއެކު ދިރިއުޅެމުން އަންނަ ޑިއޯލިރާއަކީ ދުނިޔޭގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ގަބޫލު ކުރެވޭތީ ދުނިޔޭގެ ރެކޯޑު ފޮތަށް އެކަން ހުށައަޅާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.
މިހާރު ވެސް އެ ޝަރަފު އޮތީ ހުޅަނގު ބްރެޒިލްގެ އަންހެނަކަށް ކަން ފާހަގަކޮށްލެވެ އެވެ. އެމީހާގެ އުމުރުން މިހާރު 116 އަހަރު ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އެހެން ނަމަވެސް ޑިއޯލިރާގެ ލިޔެކިޔުންތަކުން އޭނާ އުފަންވެފައިވަނީ 1905 ވަނަ އަހަރުގެ މާޗް މަހު ކަމަށް ވުމާއެކު އޭނާއަކީ މިހާރު އެ ޝަރަފު އޮތް މީހާއަށްވުރެ ތިން އަހަރު ދޮށީ މީހެކެވެ. އަންނަ މާޗު މަހު އޭނާއަށް 120 އަހަރު ފުރޭނެ އެވެ.
ޑިއޯލިރާގެ މާމަ ދަރިން ބުނާ ގޮތުގައި ޑިއޯލިރާގެ އުމުރާ އަޅާބަލާއިރު އޭނާގެ އާއްމު ސިއްހަތު އަދިވެސް ވަރަށް ރަނގަޅެވެ. އެގޮތުން މިހާތަނަށްވެސް އެއްވެސް ދާއިމީ ބޭހެއް އޭނާ ބޭނުން ނުކުރާ ކަމަށް އެ އާއިލާއިން ބުނެ އެވެ.
ބްރެޒިލްގައި އިންސާނުންގެ އެވްރެޖް އުމުރަކީ 76 އަހަރު ކަމަށްވާއިރު އެއަށްވުރެ 40 އަހަރު ދިގު ހަޔާތެއް ޑިއޯލިރާ ވޭތުކުރުމުގެ ފަހަތުގައިވާ ސިއްރުތައް ހޯދަން އެގައުމުގެ ސައިންސްވެރިންނާއި ސިއްހީ މާހިރުން މަސައްކަތް ކުރެ އެވެ.