1. ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތް؟
ޖަވާބު: ނޫސްވެރިކަމުގެ ދާއިރާއަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ހަމަ ރައްޓެހި ކުއްޖެއްގެ ސަބަބުން. އަޅުގަނޑާ އެއްކޮށް ވަރަށް ގާތުން އުޅުނު ކުއްޖެއް އަމީން. ސްކޫލް ދައުރުގައި ރައްޓެއްސެއް. އޭނާ ނޫސްވެރިކަމަށް ވަނީމަ އަސްލުގައި ޝައުގުވެރިކަން އުފެދުނީ. ދެން ފުރަތަމަ އަޅުގަނޑު މަސައްކަތް ކުރީ ދިޓީވީއަށް ވަންނަން. އެހެންނަމަވެސް, ދިޓީވީއަށް އަޅުގަނޑަށް ވަދެވޭ ގޮތެއްނުވި. އެހެން އުޅެނިކޮށް އެއްދުވަހު ފެނުނީ ވީޓީވީ. އޭގެ ކުރިން އަޅުގަނޑަކަށް ނޭނގެ ވީޓީވީ ކިޔާ ސްޓޭޝަންއެއް އިންނަކަމެއް. ދެން އެދުވަހު ޓީވީތައް މިހެން ބަދަލުކުރަމުން ދަނިކޮށް. އަޅުގަނޑު އޭރު ދިރިއުޅެނީ މާލެ އައިސް ކިޔަވަން ހުރި ގޭގައި. ސްކޫލް ނިމިގެން ވަޒީފާއަށް ދިޔުމާ ހަމައަށް އަޅުގަނޑު ހުރީ އެގޭގައި. އެއްދުވަހު ހަވީރު 4ގެ ހަބަރު ފެންނަނީ. ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު ހަބަރު ކިޔަން އިންނަނީ. ދެން އަޅުގަނޑަށް ވަރަށް ކަމުދިޔަ ޒީގެ ޕްރެޒެންޓިން. ޒީގެ ޚަބަރު ކިޔުން. ދެން އަޅުގަނޑު ހިތަށް އެރީ ހަމަ ރަނގަޅު ކަމެކޭ. ޝައުގުވެރިވާ ކަހަލަކަމެކޭ. އެކަމަކު ފުރަތަމަ ދެން ހަމަ ވިސްނީ ނޫސްވެރިކަމުން ކުރިއަށް ދާން. އެހެންވީމަ ވީޓީއަށް އެހިސާބުން ޖޮއިން ކުރީ. ހަމަ އެ ދުވަހު, ޒީނާގެ ޚަބަރު ބަލަން އިނިން ޚަބަރު ނިމެންދެން. ނިމުނީމަ ވަގުތުން ގޮސް, އަޅުގަނޑުގެ އަތުން ސިޓީއެއް ލިޔެގެން, ވީޓީވީގެ ހެޑް އޮފީސް ހޯދައިގެން ސިޓީއެއް ލީ. އެކަމު އޭރު ރަސްމީ ގަޑިވެސް ކަޓައިފި. ވަޒީފާއަކަށްވެސް ހުޅުވާފައެއް ނޫން އޮތީ. އެހެންވީމަ ސިޓީ އެކުދިން ބަލައިގަތީ ވަރަށް އާދޭސްކޮށްގެން. ދެން އެކަމު ﷲގެ ރަހުމަތުން ޖެހިގެން އައި ދުވަހު ވަރަށް ހެނދުނާ އަޅުގަނޑަށް އެބޭފުޅުން ގުޅުއްވައިފި އިންޓަވިއުއަށް. އިންޓަވިއުކޮށްފައި، ހަމަ އެދުވަހުން އެދުވަހަށް ވަޒީފާ ހަމަޖެހިއްޖެ. ޖެހިގެން އައި ދުވަހު އަޅުގަނޑު ވަޒީފާއަށް ނިކުތީ. އެއީ 2009 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަސް.
2. މިހާރު ކިހާ ދުވަހެއްވެއްޖެ މި ދާއިރާގައި އުޅޭތާ؟
ޖަވާބު: މިހާރު ނޫސްވެރިކަން ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް މިވީ. ބަރާބަރު 15 އަހަރުވީ އިރު, ވީޓީވީގަ 10 އަހަރު, އަވަސް އޮންލައިންގަ 3 އަހަރު, ދެން މީގެ އިތުރުން މިހާރު 3 ވަނަ އަހަރު މި ގުނަނީ "މި ނޫސް" ގަ. ވީޓިވީގަ ފަހުން އުޅުނީ ސީނިއާ އެޑިޓަރަކަށް, ދެން އަވަސްގަ ސެކްޝަން އެޑިޓަރަކަށް އަދި އޭގެ ފަހުން އެޑިޓަރަކަށް. މިހާރު "މި ނޫސް" ގަ ޑިޕިއުޓީ އެޑިޓަރަކަށް އަދި ފަހުން އެޑިޓަރެއްގެ ދައުރު މި އަދާކުރަނީ.
3. މިއީ ވަރަށް ބުރަ މަސައްކަތެކޭ ބުނާނަންތަ؟
ޖަވާބު: ނޫސްވެރިކަމަކީ ހަގީގަތުގަ ބުރަ މަސައްކަތެއް. އެއީ ވަރަށް ލޯބިން, ޕެޝަނޭޓް ކަމެއްގެ ގޮތުގައި ނޫނީ އެކަމެއް ނުކުރެވޭނެ. އެއީ ހަމައެކަނީ އާމްދަނީއެއް ހޯދަން ކުރާ ކަމެއްގެ ގޮތުގައި އެކަމެއް ނުކުރެވޭނެ. އެހެން މި ދަންނަވަން ޖެހެނީ އަޅުގަނޑުމެން ފްރީ ކޮށްލަން ބޭނުންވާ ވަރަށް ގިނަ ޓައިމްތަކުގައި ފްރީ ނުވެދާނެ. މިސާލަކަށް ގައުމުގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލު, ގައުމުގައި ހިނގާ ބޮޑެތި ކަންކަން, ދުނިޔޭގަ ހިނގާ ކޮންމެ ބޮޑެތި ކަންކަމުގެ ސަބަބުން އަޅުގަނޑުމެން ނޫސްވެރިން އެބަ ބިޒީވޭ. އެހެންވީމަ ހަގީގަތުގަ ނޫސްވެރިކަމަކީ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑު ދެ މީޑިއާގައި މަސައްކަތް ކުރިން. ޓީވީގަ މަސައްކަތް ކުރިއިރު ޓީވީގަ ވެސް އެހާ ބުރަ. އޮންލައިން ނޫސްތަކުގަ މަސައްކަތް ކުރާއިރުވެސް ބުރަކޮށް މަސައްކަތް ކުރަން މިޖެހެނީ. އެހެންވީމަ ޖުމްލަކޮށް ބުނާނަމަ, ނޫސްވެރިކަމަކީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރިއްޔާ ނޫނީ ރަނގަޅަށް ނުކުރެވޭނެ މަސައްކަތެއް.
4. ރާއްޖޭގައި ނޫސްވެރިކަމަށް ޖެއްސުންކޮށް, މައުލޫމާތު ހިފަހައްޓަން މަސައްކަތް ކުރާ ކަމަށް ދެކެންތަ؟
ޖަވާބު: ނޫސްވެރިކަމަށް ތި ފާހަގަކުރައްވާ ގޮތަށް އަދިވެސް ހުރޭ ހުރަސްތަކާ ގޮންޖެހުންތައް. ބައެއް ނޫސްވެރިންނަށް ތި ކުރިމަތިވާ ފުރައްސާރަތަކާ މިކަންކަމަކީ ހަގީގަތުގައި ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް, ވަރަށް ބޮޑު ގޮންޖެހުމެއް. އަލަށް މި ނިކުންނަ, ހާއްސަކޮށް އަންހެން ނޫސްވެރިންނަށް އެބަ ފުރައްސާރަކުރެވޭ. އަދި ފިރިހެން ނޫސްވެރިންނަށް ވެސް ފުރައްސާރައާއި ޖެއްސުން ކުރިމަތިވާ ނޫސްވެރިން އެބަތިބި. އެއީ ޒުވާން ނޫސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އަނެއް ކަމަކީ މައުލޫމާތު ދިނުމާ, ކޮންޓްރޯލް ކުރުމުގައި އަދިވެސް ހިފެހެއްޓުންތަކެއް އެބަހުރި. އެއީ ދެން ވަރަށް ދެރަ ކަމެއް. އަޅުގަނޑު ހިތުން ދެފުށް ފެންނަ ދައުލަތެއް ހިންގުން އެއީ ނޫސްވެރިކަމަށް ލިބޭ ވަރަށް ފަހި ފުރުސަތަކަށް ވެގެން ދާނެ. ކޮންމެވެސް ވަރަކަށް ނޫސްވެރިކަމަށް ގޮން ޖެހުންތައް އެބަހުރި. އެކަންކަން ފިލާދިޔުމަށް އަޅުގަނޑު އެދެން.
5. ނޫސްވެރިކަމުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
ޖަވާބު: އެންމެ ބޮޑު ކާމިޔާބީއެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ ގިނަބަޔެއްގެ އިތުބާރު ހޯދުން. އިތުބާރު ކޮންމެވެސް ސިފައެއްގައި ލިބުން. އިތުބާރު މި މާނަކުރަނީ ހާއްސަކޮށް ސިޔާސީ ބޭފުޅުންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ އެބޭފުޅުންގެ އިތުބާރުއޮތް ކަމުގެ ވަރަށް ބޮޑު ހެއްކެއް. އެބޭފުޅުންގެ ފަރާތްފުޅުން ބޭނުންވާ މައުލޫމާތު ރައްޔިތުންނާ ހަމައަށް ތެދުގޮތަށް ގެނެސްދެވޭ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށް އަޅުގަނޑު ދެކެނީ. ދެން އޮތީ ރައްޔިތުންގެ ބަލައިގަތް މިންވަރު. އަޅުގަނޑުމެންނާ މިހެން ބައްދަލުވާ މީހުންގެ ފަރާތުން ލިބޭ ގިނަ ކޮމެންޓްތައް ވަރަށް ޕޮސިޓިވް. އެންމެ ބޮޑު ކާމިޔާބީއަކީ އާންމުންގެ އިތުބާރާ, ދެން އަޅުގަނޑުމެން މި ނަގަނީ އެކި މީހުންގެ ވީޑިއޯއާ އިންޓަވިއު ދެއްތޯ. އެމީހުންގެ އިތުބާރު ލިބުން ކަންނޭގެ އެންމެ ބޮޑު ކަމަކީ. ދެން ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ އެއްކަމެއް. އަޅުގަނޑު އެއްވެސް އެވޯޑަކަށް ކުރިމައްޗެއް ނުލަން. މިހާރު ނޫސްވެރިކަމުގެ ކޮންމެ އެވޯޑަކަށް ވެސް މި ޖެހެނީ ކުރިމަތިލާން. އަޅުގަނޑަކީ އެއްވެސް އިރެއްގަ ނޫސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާ މީހެއް ނޫން. އެހެންވީމަ އެގޮތަކަށް ވަކި ހާއްސަ އެވޯޑެއް ނުލިބޭ. އެކަމަކު އަޅުގަނޑު ވީޓީވީގަ ހޭދަކުރި އަހަރުތަކުގައި "އެންމެ މޮޅު ނޫސްވެރިޔާ", "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ", "އެންމެ ރީތިކޮށް ޚަބަރު ކިޔާ ނޫސްވެރިޔާ", "ބެސްޓް ޕްރެޒެންޓާ" އަދި " އަހަރުގެ އެންމެ މޮޅު މުވައްޒަފު" ވެސް ލިބުން.
6. ނޫސްވެރިކަން މި ދާއިރާގައި އަދިވެސް ހުރަސްތައް ކުރިމަތިވޭތަ؟
ޖަވާބު: އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑު ބޭނުންވާ މިންވަރަށް މައުލޫމާތު ނުލިބުން. މައުލޫމާތު ވަރަށް ބޮޑަށް ހިފަހައްޓައޭ ދަންނަވާކަށް ނެތިން. ކޮންމެ ސަރުކާރެއްގަވެސް ހުރޭ ހިފަހައްޓާ ކަންތައްތަކެއް. ހުރިހާ ސަރުކާރެއްގަ ވެސް އަޅުގަނޑުމެންނަށް ފަސޭހަ ކަންކަން ހުރޭ. އެހެން ނަމަވެސް އަޅުގަނޑުމެން ނޫސްވެރިކަން ކުރިމަތިވާ ގޮންޖެހުންތައް އެބަހުރި. އަސްލުގަ މިނިވަން ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ނޫސްތަކާ މީޑިއާތަކަށް ފައިސާ ލިބޭނެ ރަނގަޅު ގޮތްތަކެއް ނެތުން. އެހެންވީމަ ވަރަށް ގިނަ ފަހަރަށް ސަރުކާރަށް މި ޑިޕެންޑް ވާން މި ޖެހެނީ. ސަރުކާރު ކުންފުނިތަކުން ލިބޭ ފައިސާއިން ނޫސްތައް ހިންގަން މި ޖެހެނީ. އެއީ މިނިވަން ކަމާއެކު ކުރިއަށް ގެންދަން ލިބޭ ވަރަށް ބޮޑު ހުރަހެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިނިވަންކޮށް ހިންގަން ފަންޑް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހުމޭ އެންމެ މުހިއްމު ކަމަކީ.
7. ފިޓް ވާން ވަރަށް މަސައްކަތް ކުރިން ދޯ. ބަރުދަން ލުއިކުރަން ކުރި މަސައްކަތް ކިޔާލަދެވިދާނެތަ؟
ޖަވާބު: ފިޓް ވާން ވަރަށް މަސައްކަތް އަސްލު ކުރަން ޖެހުނީ. ހަނދާންވާ ގޮތުން ވީޓީވީއަށް ޖޮއިން ކުރިއިރު އަޅުގަނޑުގެ ހުންނަނީ 63 ވަރަކަށް ކިލޯ. 10 އަހަރުކޮށްފަ ވީޓީވީއިން ނިކުތްއިރު އަޅުގަނޑުގެ ހުރި 141 ކިލޯ. ވަރަށް ބޮޑަށް މީހާ ފަލަވެގެން ދިޔަ. އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކާ, ބަލިވީމަ އެވާ އުނދަގޫ ވަރަށް ގިނަ ކަންކަން ދިމާވި. އެހެންވީމަ ބޭނުންވީ ހިކެން ކޮންމެހެންވެސް. އަޅުގަނޑުގެ އަމިއްލަ ސިއްހަތަށް އަމިއްލަ ނަފްސަށްޓަކައި ކުރަން ޖެހުނު ކަމެއް. ދެފަހަރެއްގެ މަތިން ހިކުމުގެ ޖާނީ ކުރިއަށް ގެންދިޔައިން. ފުރަތަމަ ފަހަރުވެސް ވަރަށް ކާމިޔާބު. އަނެއްކާވެސް ބަލިވެގެން ދޫވެގެން ދިޔަ. އަނެއްކާވެސް މިހާރު މިހިރީ 90 ކިލޯ. 50 ކިލޯ ދުއްވާލައިގެން މިހިރީ. އިރާދަކުރެއްވިއްޔާ ހަށިގަނޑުވަރަށް ބޮޑަށް މެއިންޓެއިން ކުރެވިއްޖެ. އެކަން މިކުރީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. ފުރަތަމަ ފައިޒަން ކޯޗް ވަރަށް މަސައްކަތް ކޮށްދިން. އޭގެ ފަހުން އަޅުގަނޑުގެ މިހާރުގެ ކޯޗް މާހިން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭ. ވަރަށް މޯޓިވޭޓްކޮށްދޭ. ވަރަށް ބޮޑު ހިތްވަރެއް އެމީހަކުވެސް ކުރަން ޖެހޭ ކަމެއް މިކަމަކީ. ކެއުމަށް ވަރަށް ބޮޑަށް ބަލަން ޖެހޭ. މީރު ކެއުންތަކާ ދުރުވާން ޖެހޭ. ގަވައިދުން ކަސްރަތުކުރަން ޖެހޭ. އެއީ ވަރަށް ކުރާ ހިތްނުވާ އެކަމު އެކަންކަން ކޮށްގެން ނޫނީ ކާމިޔާބު ނުވާނެ ކަންކަން. އެކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން. ދެން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން އަޅުގަނޑުގެ މި ޖާނީގަ އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ދިން ބޭފުޅެއް އެއީ ޝެއިޚް ހަސަން މޫސާ ފިކްރީއަކީ. ހުރިހާ ގޮތަކުން އަޅުގަނޑަށް އެހީތެރިވެދޭ ބޭފުޅެއް. ދެން އަޅުގަނޑު މިހާރު މި ޖިމްއަށް މި ދަނީ އެކުވެރި ނޫސްވެރިޔާ ފައްޔާޒުއާ އެއްކޮށް. ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެއްކޮށް މިދަނީ. މިސާލަށް އަޅުގަނޑު ގޭގަ މިހުރިހާ ކަމެއްގަ އެންމެ އިސްކޮށް ހުންނާނީ އަޅުގަނޑުގެ ތިއްތަ. ތިއްތަ އަޅުގަނޑުގެ ކެއުމާ މިހުރިހާ ކަމެއް ބަލަހައްޓާނީ. އަޅުގަނޑުގެ މަންމައަކީ އަބަދުވެސް މިކަމަށް ހިތްވަރުދޭ މީހެއް. އަޅުގަނޑުގެ ދޮންދައްތަ, ތުއްތަ, މުޅި ފެމެލީ, އެންމެ ގާތްއެކުވެރިން ކަމަށްވާ އާސިމާއާއި ސުވޭ ވަރަށް ހާއްސަ. އަލީ ސާ, ލައްޗެ, ވިސްމީ ސާ, މި ނަންތައް އަޅުގަނޑު ބޭނުން ފާހަގަކޮށްލަން. އެކުވެރި ނުހާދު ވެސް ބޭނުން ފާހަގަކޮށްލަން. ވަރަށް ހިތްވަރުދޭނެ. ސިޔާސީ ބޭފުޅުންގެ ތެރެއިންވެސް ވަރަށް ހިތްވަރު ދެއްވާ ބޭފުޅުން އުޅުއްވާ. ރައީސް މައުމޫން, މިނިސްޓަރު އުމަރު, ކުރީގެ ވީޕީ ޖަމީލް, މިނިސްޓަރު މާރިޔާ, ކުރީގެ މިނިސްޓަރު ކާނަލް ނާޒިމް, މިނިސްޓަރު މަހްލޫފު, ނަޒޫ. މިނަންތައް އަޅުގަނޑު ބޭނުން މެންޝަން ކޮށްލަން.
8. ސިޔާސީ ދާއިރާއަށް ވަނުމުގެ ވިސްނުން އެބަހުރިތަ؟
ޖަވާބު: އަސްލުގަ ސިޔާސީ ކަންކަމަށް އެއްގޮތަކަށްވެސް ޝައުގުވެރިކަމެއް ނުހުރޭ. އެކަމު ދޭތެރޭ ދޭތެރެއިން ވަރަށް ގިނަ މީހުން އަހާ އަސްލު ނޫސްވެރިކަމުގަ އުޅެނީ ސިޔާސީ ދާއިރާއަށް ވަންނަން ދޯއޭ. އެކަމަކު މިހާރު 15 އަހަރު ނިމި 16 ވަނަ އަހަރު މިދަނީ. އަދި ސިޔާސީ އެއްވެސް ކަމެއްގަ ނޫޅެން. ޕާޓީއެއްގަ ވެސް ނޫޅެން. ސިޔާސީ އެއްވެސް ހަރަކާތެއްގަ ވެސް ބައިވެރިއެއް ނުވަން. ޕާޓީއަކަށް ފޭވާކޮށް ތާއީދެއް ވެސް ނުކުރަން. އެހެންވީމަ ހިއެއް ނުވޭ ސިޔާސީ ކަންތައްތަކުގެ ތެރެއިން އެހާބޮޑަށް ފެނިދާނެ ހެނެއް. ފަހުން ބަދަލުވާނީ ކިހިނެތް ކަމެއް ނޭނގެ. ސިޔާސީ ދާއިރާއިން ނުފެންނާނެއޭ ދަންނަވާކަށް ނުކެރޭނެ ބުނާކަށް. އަޅުގަނޑަކީ އަސްލު ސިޔާސީ ދާއިރާއަށް ފިޓް މީހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ފުރަތަމަ ސަބަބަކީ އަޅުގަނޑަކީ ވަރަށް ހިތްބަލި މީހެއް. ހިތްބަލި އަޅުގަނޑު މި މާނަ ކުރީ އަޅުގަނޑު "ވީކް" އެއްނޫން. އެކަމަކު މީހަކު ނުރުހުމުގަ ބަހެއް ރައްދުކުރުން އެއީ އަޅަގަނޑަށް ވަރަށް އުނދަގޫ އޭތި ޓޮލަރޭޓް ކުރަން. އެހެންވީމަ ސިޔާސީގޮތުން ވަކި ގޮތަކަށް ހަރަކާތްތެރިވަންޏާ ކޮންމެވެސް އެއްބަޔަކު ހިތްހަމަނުޖެހޭ ގޮތަކަށް މި އުޅެވޭނީ. އެހެންވީމަ އެމީހުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ތިބޭނެ. އެހެންވީމަ އެކަހަލަ ކަމެއް ވާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ. އެހެންވީމަ ސިޔާސީ ދާއިރާއަށް ނުވަދެ އަޅުގަނޑުގެ ކެރިއާ ކުރިއަށް ގެންދިޔުން އަޅުގަނޑުގެ އުއްމީދަކީ. އަމިއްލަ މަސައްކަތެއް ކުރަން ޖެހޭ ހިސާބެއްގައި ވެސް ސިޔާސީ ކަންކަމާ ނުގުޅި އުޅުން ވަރަށް ބޮޑަށް އުއްމީދުކުރަނީ. އެކަމަކު ފަހުން ވާނެ ގޮތެއް އަސްލުގަ ނޭނގޭ.
9. ހަޔާތުގަ ވަރަށް ބައްދަލުކޮށްލާ ހިތްވާ ވާހަކަ ދައްކާލަން ބޭނުންވާ މީހެއް އެބަހުރިތަ؟
ޖަވާބު: ރާއްޖޭގެ ވަރަށް ގިނަ ބޭފުޅުންނާ ބައްދަލުވެއްޖެ. މިސާލަކަށް އަޅުގަނޑު ވަރަށް ބައްދަލުކޮށްލަން ބޭނުންވި ބޭފުޅެއް ރައީސް މައުމޫނަކީ. ރައީސް މައުމޫނާ ވަރަށް ރަނގަޅު ގުޅުމެއް އަޅުގަނޑަށް ގާއިމުކުރެވުނު. އެ މަނިކުފާނަކީ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ދެން ސިޔާސީ ގޮތުން ކުރީގެ ހުރިހާ ރައީސުންނާ ވެސް އިންޓަވިއުކުރެވިފަ ހުންނާނީ. ރައީސް ސޯލިހް ފިޔަވާ. ރައީސް ސޯލިހްގެ އިންޓަވިއުއެއް އަޅުގަނޑު ނުކުރަން. ފުރުސަތެއް ނުލިބޭ. ދެން ރައީސް ނަޝީދު, ރައީސް ވަހީދު, ރައީސް ޔާމިން, މިހާރުގެ ރައީސް މުޢިއްޒު, ހުރިހާ ބޭފުޅުންގެ ވެސް އިންޓަވިއު ކުރެވުނު. ރައީސް މައުމޫންގެ ކެބިނެޓުން ފެށިގެން ވަރަށް ގިނަ ހައި ޕްރޮފައިލް އިންޓަވިއުތައް ކުރެވުނު. ޖުމްލަކޮށް އިންޓަވިއުކުރަން ބޭނުންވި ހުރިހާ ބޭފުޅުންނާ އިންޓަވިއު ކުރެވިފަ ހުރީ. އެހެން ދާއިރާތަކަށް ބަލާނަމަ އަޅުގަނޑު އަބަދުވެސް ހިތަށް އަރާ މަރިޔަމް ނިޝާގެ އިންޓަވިއުއެއް ލިބޭ ނަމައޭ. އެ ފުރުސަތު ވެސް ފަހުން ލިބުނު. އޭގެ ފަހުންވެސް އެހެން ޕްރޮގްރާމްތަކުން މަރީއާ ބައްދަލުވެ މަރީއާ ވެސް ރަނގަޅު ގުޅުމެއް އޮވޭ. އެހެންވީމަ ކުއްލިއަކަށް އެހެން ހަނދާނެއް ނާދޭ ވަކި ބޭފުޅެއް އިންޓަވިއު ކުރަން ލިބޭނަމައޭ. އެހެން ނަމަވެސް ދެން ހިތަށް އަރާ މިހާރު ދުނިޔޭގައި ނެތް ބައެއް ބޭފުޅުން ދުނިޔޭގައި ހުންނެވިއިރު އިންޓަވިއު ކުރުމުގެ ފުރުސަތު ލިބުނު ނަމައޭ.
10. ނޫސްވެރިކަން މި ދާއިރާއިން ކުރިއަށް ދާންތަ ވިސްނުން ހުރީ؟
ޖަވާބު: ކުރީގަ ވެސް ދެންނެވި ފަދައިން ނޫސްވެރިކަމުގައި މިހާރު 16 އަހަރު މިވަނީ. އަބަދަކު ހިއެއް ނުވޭ މި ދާއިރާގައި މަސައްކަތް ކުރެވޭނެ ހެނެއް. މި ދާއިރާގައި އެހެނިހެން ގޮތްގޮތުންވެސް ހިދުމަތްކުރެވިދާނެ. އެހާ އަވަހަށް ނޫސްވެރިކަން ދޫކޮށްލާކަށް ގަސްދެއް ނުކުރަން. ދެން ސިޔާސީ ކަންކަމަށް ނުކުމެއްޔާ ދެން ނޫސްވެރިކަމަށް އަނބުރާ ނާންނާނަން. އުންމީދަކީ ސިޔާސީ ކަންކަމާ ދުރުގަ ހުރެ ނޫސްވެރިކަމުގެ ކެރިޔަރު ނިންމާލުމުގެ ފުރުސަތު ލިބުން