ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން (ވާނުވާ ޖެހުން) އުވާލާނެ ކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކަ ބަދަލުވެ, މިހާރު ވާނުވާގައި ބަންދުގައި ތިބީ ކޮންމެހެން ބަންދުގައި ތިބެންޖެހޭ ބައެއް ކަމަށް ބުނެ ސަރުކާރުން އެކަން ދިފާއުކޮށްފި އެވެ.
ވާނުވާ ޖެހުން އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޕީޖީ އޮފީހުން އިއްޔެ ބޭއްވި ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވާހަކަ ދެއްކެވީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެ އެވެ.
އިހްސާން ވިދާޅުވީ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރިއިރު އޭގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ ބަންދުގައި ތިބެންޖެހޭ މީހުން ކަމަށެވެ. އަދި ޝަރީއަތްތައް އަވަސްވި ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައްސަލައަކީ ބަންދުކުރުން ނޫން ކަމަށާއި ޝަރީއަތް ނުނިމި ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ޒާތުގައި ޕްރީ ޓްރަޔަލް ޑިޓެންޝަންއަކީ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީކީ މައްސަލައެއް ކަމަކަށް" އިހްސާން ވިދާޅުވި އެވެ.
އިހްސާން ބޮޑަށް ފާޑު ވިދާޅުވީ ފަނޑިޔާރުންނަށެވެ. އަދި މައްސަލައަކީ ފަނޑިޔާރުންގެ މައްސަލަތައް ލަސްކުރާތީ ކަމަށާއި އެކަން ބެލޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވީ މައްސަލަތައް ވަރަށް އަވަހަށް ތަހުގީގުކުރާ ކަމަށާއި ނަމަވެސް ވާނުވާގައި ތިބި ގިނަ މީހުންނަކީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މީހުން ދޫކޮށްލުމުން މުޖްތަމައުއަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދަންނަވާ ކަހަލަ މީހުން ބަންދުން ދޫކޮށްލުމުން އެކަމުގެ ނޭދެވޭ އަސަރު ޝަރީއަތްތަކަށް އަދި މުޖުތަމަޢަށް ކޮށްފައި އެބަހުރި." ޝުޖާއު ވިދާޅުވި އެވެ.
ޕީޖީ އައްބާސް ޝަރީފް ވެސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދު މަދުނުވާ ކަމަށާއި އޭނާ މަގާމާ ހަވާލުވެ ވަޑައިގަތްފަހުން ވާނުވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ބަންދު މީހުން ގަވާއިދުން މުރާޖާކުރި ނަމަވެސް އެ އަދަދު މިވަގުތު މަދުނުވާ ކަމަށާއި އަދި އެފަދަ މީހުން ދޫކޮށްލަން އުނދަގޫވާ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.