ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަން، ނުވަތަ އެންމެން ދަންނަ ގޮތުންނަމަ "ރޭޗަލް" އަށް ދަރިއަކު ނުލިބުމުން އުޅެން ޖެހުނު ހިތްދަތި ދިރިއުޅުމާ ގުޅޭގޮތުން ވާހަކަދައްކައިފި އެވެ.
އުމުރުން 56 އަހަރުގެ ފްރެންޑްސްގެ ތަރި، ޖެނިފާ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކި ގޮތްގޮތުން ދަރިއަކު ލިބޭތޯ އަހަރުތަކެއް ވަންދެން މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބުވެފައިވާ ކަމަށެވެ.
ދަރިއަކު ހޯދުމަށް އައިވީއެފް ހަދައިގެން އެކަންވެސް ނާކާމިޔާބު ވުމުން ވަރަށް މާޔޫސްވި ކަމަށް ޖެނިފާ ބުނެފައިވެ އެވެ.
"މިހާރު ދެން އިންތިޒާރު ކުރާކަށް ނުޖެހޭ، އުމުރުން 56 ވީމަ ދެން އެނގޭ ދަރިއަކު ނުލިބޭނެކަން،" އޭނާ ބުންޏެވެ.
މީގެ ކުރިން ޖެނިފާ ހޮލީވުޑްގެ ތަރި ބްރެޑް ޕިޓާއެކު ކުރި ކައިވެނި ނިމުމަކަށް އައީ އޭނާ ކުދިން ބޭނުން ނުވާތީ ކަމަށް ބުނެ ފެތުރުނު އަޑުތަކަށް އޭނާ ވަނީ ރައްދު ދީފަ އެވެ. ޖެނިފާ ބުނީ އެއީ މުޅިން ދޮގު ކަމަށެވެ. އޭނާ އޭރު ބޮޑަށް ސަމާލުކަން ދީފައިވާނީ އޭނާގެ ފިލްމީ ކެރިއަރަށް ކަމަށް ބުންޏެވެ.
ޖެނިފާ ބުނީ އުމުރުން 30 އަހަރުގެ ފަހުކޮޅުން ފެށިގެން 40ގެ އަހަރުތަކުގައި އޭނާއަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއީ އޭނާއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށްވެސް ބުންޏެވެ.
މި ހިތްދަތި ތަޖުރިބާއާ އެކުވެސް، ޖެނިފާ ބުނެފައި ވަނީ އޭނާ އެއްވެސް ކަމަކާ މެދު ހިތާމަނުކުރާ ކަމަށެވެ.
ފެބްރުއަރީ 11 ގައި 56 ވަނަ އުފަންދުވަސް ފާހަގަކުރި އިރު، ޖެނިފާ ފެނިގެން ދަނީ އުމުރަށް ވުރެ ޒުވާން ތަރިއެއްގެ ގޮތުގަ އެވެ.