މާލޭގެ ބަނދަރު މަތީގެ އާދައި ދުވަހެކެވެ. އަރަބި ކަރަ އާއި ބަންގާޅާއި މެލޭ އާއި އުތުރު ކަރައާއި ވިލާތުގެ އެކި ކަހަލަ އުޅަނދުތަކުން ފަޅުތެރެ އޮތީ ފުރި ބާރުވެފަ އެވެ. ބޮޑެތި އުޅަނދުތައް އަޅާފައި ހުރީ ތަންކޮޅެއް ދުރުގަ އެވެ. އެ އުޅަނދުތަކުން ގެންނަ ފޭރާމާއި ހަނޑުލާ ހަކުރާއި އެނޫން ވެސް ބާވަތްތައް މާލެއަށް ބާލައި ބަނޑަހަތަކުގައި ވިޔަފާރީގެ ހަރަކާތްތައް ކުރިޔަށް ދެ އެވެ. ރާއްޖޭގެ ރޯނާއި ކާށްޓާއި ކަހަނބު ފަތާއި ތާވައްކާށީގެ އިތުރުން ދިވެހި ފަރުތަކުން ހިލާ ބޮލީގެ ބަސްތާތައް ގޯނި ގޯނީގައި އެ އުޅަނދު ފަހަރަށް އަރުވަމުން ގެންދެ އެވެ.
މިއީ މީލާދީން 18 ވަނަ ގަރުނުގެ ތެރޭގައި މާލޭގެ ބަނދަރު ސަރަހައްދުގެ އާދައިގެ ދުވަހެއްގަ ހާލަތެވެ. ދުނިޔޭގެ އެތަން މިތަނުން ވިޔަފާރި ވެރިން ރާއްޖެ އައިސް ބަނޑަހަ ޖަހައިގެން ވިޔަފާރި ކޮށް އުޅުނީ، އެ ޒަމާނުގެ އެންމެ ވިޔަފާރި ރަނގަޅު އެއް ބަނަދަރު ކަމަށް މާލެ ވާތީ އޭގެ އިތުރުން ދުނިޔޭގެ ބޮޑު ބައެއްގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ބޮލި ރާއްޖެއިން ހޯދުމުގެ ބޭނުމުގަ އެވެ. އޭރު އެ ބޮލި، ރާއްޖެއިން ނޫނީ ލިބެން ނުހުރެ އެވެ.
މީލާދީން 17 ވަނަ ގަރުނުގެ ތެރޭގައި ރާއްޖެ އައިސް ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި އުޅުނު ފަރަންސޭސިއެއް ކަމަށްވާ ޕިރާޑް ޑީ ލަވާލް ބުނެފައިވާ ގޮތުގައި އިންޑިއާގެ ރަށްތައް ހިމެނޭހެން އޭޝިއާގައި އެ ދުވަސްވަރު ރާއްޖެއަށް ވުރެ ވިޔަފާރި ރަނގަޅު އެއްވެސް ތަނެއް ނެތެވެ.
ވިޔަފާރި އާއި އިގްތިސާދުގެ މައި ހަބެއްގެ ގޮތުގައި އެތައް ޒަމާނަކަށް އޮތް ރާއްޖެ، 19 ވަނަ ގަރުނުގެ ތެރެއަށް އައި އިރު އޮތީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގަ އެވެ. ސުވާލަކީ ރާއްޖޭގެ އެ މުއްސަނދި ކަމަށް ވީ ކިހިނެއް ހެއްޔެވެ؟
ސުވާލުގެ ޖަވާބު ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން އެވޭލާ ޒަމާނުގައި ރާއްޖޭގައި ކުރަމުން ދިޔަ ވިޔަފާރިއަށް ބަލާލަން ޖެހެ އެވެ.
ރާއްޖެއިން ބޭރު ކުރި މުދާ
1. ބޮލި
ބޮއްޔަކީ ރާއްޖެއިން ބޭރުކޮށް އުޅުނު އެންމެ އަގު ބޮޑު އެއް މުދަލެވެ. އެފްރިކާގެ ގައުމުތަކާއި ބަންގާޅާއި އިންޑިއާގެ ގިނަ ހިސާބުތަކުގައި ފައިސާގެ ގޮތުގައި އޭރު ބޭނުން ކުރީ ބޮއްޔެވެ. އެހެން ކަމުން ރާއްޖޭގެ ބޮއްޔަށް އޮންނަ ޑިމާންޑު ބޮޑެވެ. ވިލާތުގެ މީހުން އިންޑިއާ ކަނޑުގެ ވިޔަފާރިއަށް އަތްގަދަ ކުރަމުން އައިއިރު އެ މީހުނަށް ވެސް ދިވެހި ބޮލި ވަރަށް ޚާއްސަ އެއްޗަކަށް ވި އެވެ.
ރާއްޖެއިން ބޮލި ގަނެގެން އެފްރިކާއަށް ގޮސް އެތަނުން ބޮއްޔަށް މުދާ ގަތުމަކީ އެ މީހުން ކޮށް އުޅުނު އަގު ބޮޑު ވިޔަފާރިއެކެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއެއްގައި ވާ ގޮތުގައި އެފްރިކާއިން އަޅުން ގަންނަން ވެސް ވިލާތު މީހުން ވަނީ ދިވެހި ބޮލި ބޭނުން ކޮށްފަ އެވެ.
2. ރޯނު
ރިޔަލުގައި ދަތުރު ކުރި ދުވަސްވަރު އޮޑި ފަހަރާއި ނާ ފަހަރަށް ރާއްޖޭގެ ރޯނަކީ ވަރަށް މުހިންމު އެއްޗަކަށް ވި އެވެ. ނާތަކުގައި ބޭނުންކުރާ ވާ، އެޅުމަށާއި އޮޑި ކޮޑުމަށާއި ރިޔާ ނެގުން ފަދަ ކަންތަކަށް ބޭނުން ކުރުމަށް ދިވެހި ރޯނަކީ އޭރު އެންމެ ނަން މަޝްހޫރު ރޯނެވެ. އަރަބި ކަރައިގެ ބައެއް ހިސާބުގައި އޮޑި ބަނުމަށް ވެސް ދިވެހި ރޯނު ގެންގުޅުނު ކަމަށް ވެ އެވެ. އެހެންކަމުން ދިވެހި ރޯނަކީ އޭރު ވަރަށް ޑިމާންޑު ބޮޑު އެއްޗެކެވެ.
3. ކަހަނބުފަތް
ކަހަނބު ފަތަކީ ރާއްޖެއިން ތިޔާގިކޮށް ލިބޭ އެއްޗެއް ކަމަށް އޭރުގެ ލިއުންތަކުގައި ސިފަ ކޮށްފައި ވެ އެވެ. އެއީ އާދަޔާ ޚިލާފަށް އަގު ބޮޑު އެއްޗެކެވެ. އަގު ބޮޑު ގަހަނާ ހެދުމަށާއި ރަސްރަސްކަލުންނާއި ބޮޑެތި މަހުޖަނުންގެ ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭ ތަކެތި ޒީނަތްތެރި ކުރުމަށް ކަހަނބު ފަތަކީ ވަރަށް ބޮޑަށް ބޭނުން ހިފި އެއްޗެކެވެ އެހެންކަމުން ކަހަނބު ފަތަކީ ވެސް ރާއްޖެއިން ބޭރު ކުރި އަގު ބޮޑު މުދަލެކެވެ.
4. ކާށި ތެޔޮ
ކާށި ތެލަކީ ވެސް އަގު ބޮޑު އެއްޗެކެވެ. ގައިގައި ލުމަށާއި ބައްތި ދިއްލުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
5. ކާށި
ދިގު މުއްދަތަކަށް ހަލާކު ނުވެ ހުންނަ އެއްޗެއްކަމުން ނާ ފަހަރުގެ ދަތުރުމަތީގެ ކެއުމަކަށް ކާށްޓަކީ އެ ދުވަސްވަރު މުހިންމު ބާވަތެކެވެ.
6. މާވަހަރު
މާވަހަރަކީ ދިވެހި ކަނޑުތަކުން ހޮވާ ނުވަތަ ރަށްރަށަށް ލައްގާ، ދުނިޔޭގައި އޭރު ވަރަށް އަގު ބޮޑު މާއްދާއެކެވެ.
މީލާދީން 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގެ ކުރީ ކޮޅު ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު އޮތްގޮތަށް ބަލާއިރު އިމްޕޯޓު ކުރެވޭ މުދަލަށް ވުރެ ތިރީހަކަށް ޕަސެންޓް ގިނައިން އެކްސްޕޯޓު ކުރެ އެވެ. އެހެންކަމުން ރާއްޖޭގެ އާމްދަނީއަކީ ކުރެވޭ ޚަރަދާ އަޅާ ބަލާއިރު އެތައް ގުނަ އިތުރު އާމްދަނީއެކެވެ.
މީލާދީން 18 ވަނަ ގަރުނު ނިމި 19 ވަނަ ގަރުނަށް އަޅައިގަތް އިރު ވެސް ހަރުދަނާ ކޮށް އޮތް ދިވެހި އިގްތިސާދަށް ކުއްލި ލޮޅުމެއް އެރީ ދުނިޔެއަށް އައި އިންޑަސްޓްރިއަލް ރިވޮލިއުޝަނާ އެކު އޭޝިއާގެ މާކެޓަށް އައި ބޮޑު ބަދަލުގެ ސަބަބުންނެވެ. ހަމަ އެއާއެކު އެ ދުވަސްވަރު ރާއްޖޭގެ ބޮލީގެ ބޭނުން ކެނޑުނެވެ. އިނގިރޭސިންނާއި ޔޫރަޕްގެ އެހެން ބާރުތަކުން އެތެރެވަރީގެ ވިޔަފާރީގައި ރަނގަޅަށް ވަކި ހިއްޕާލި އެވެ.
ސަރަހައްދީ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އައިސް އިގުތިސާދީ ނުތަނަވަސްކަން ކުރިމަތިވި އިރު ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވާދަވެރި ދެ އާއިލާއެއްގެ ކޯޅުމުގެ ދަށުވެފަ އެވެ. ވެރިކަމުގެ ބާރަށްޓަކައި ވަދަކުރަމުން ގެންދިޔަ އަތިރީގެ އާއި ކަކާގޭގެ ކޯޅުމުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލި އެވެ.
ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެނެސް އެމީހުންގެ ދަށަށް މުޅި ވިޔަފާރީގެ ބާރު ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ސަރުކާރު ވެސް އެ މީހުންގެ ނުފޫޒުގެ ދަށަށް ގޮސް ދަރަނިވެރިވި އެވެ.
ވޯރާއިން ރާއްޖެ ގެނެސްގެން އެއްބަޔަކު ހޯދި ވެރިކަމުގެ ބާރާ، އަނެއް ބަޔަކު ދިމާކުރީ މުޅި މާލޭގައި ހުޅު ޖަހައިގެންނެވެ. ބޮޑު ހުޅުގެ ނުރައްކާ ކުޅިގަނޑު ނިމުނީ ރާއްޖޭގެ މިނިވަންކަން އިނގިރޭސިންގެ އަތްމައްޗަށް ވިއްކާލައިގެންނެވެ. އޭރު ރާއްޖޭގެ އިގުތިސާދު އޮތީ އަރައިނުގަނެވޭ މިންވަރަށް އަޑި އަޅާލައި ދަރައި ވިކިފަ އެވެ.
ސަރަހައްދުގެ ބާރުގަދަ އިގުތިސާދެއްގެ ގޮތުގައި އޮތް ދިވެހި ރާއްޖެ، ދުނިޔެއަށް އައި ޒަމާނީ ބަދަލުތަކަށް ހޭނެން ޖެހުނު ވަގުތު، ގައުމުގެ އެތެރެއިން ފެނުނީ ސިޔާސީ ބާރު ހޯދުމަށް ހިނގި އާއިލީ ވާދަވެރިކަމެކެވެ. ގައުމުގެ އިގުތިސާދު އިސްލާހު ކުރުމުގެ ބަދަލުގައި ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެނެސް އެ މީހުންގެ އަތްމައްޗަށް ގައުމުގެ އިގުތިސާދު ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން އުފަންވި ބޮޑު ހުޅަށްފަހު އިނގިރޭސިންގެ އަޅުވެތިކަމަށް ރާއްޖެ ދިޔަ އެވެ. އެ ހިމާޔަތުގެ އަރާމުގައި ކުރެވެމުން އައި ވެރިކަމުގެ ނިމުމުގެ ފެށުން ކަމަށްވާ މުހައްމަދު އަމީންގެ ވެރިކަން ނިމުނުއިރު ގައުމު އޮތީ ބަނގުރޫޓުވެފަ އެވެ.
ދުނިޔެއަށް ފައިސާ ފޯރު ކޮށްދިން މުއްސަނދި ގައުމު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސަޓަށް ވެއްޓުނީ އިގުތިސާދީ ހިކުމަތްތެރި ކަމަށް ވުރެ ސިޔާސީ އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
އެމެރިކާއާއި ސައުދީ އިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި