ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިޒްރޭލުގެ މީހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ދޫނުކޮށްފިނަމަ، ޣައްޒާއަށް އަލުން ހަމަލާދޭން ފަށާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފި އެވެ.
ޖެނުއަރީ 19 ގައި ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓޭނެކަމާމެދު ސުވާލު އުފެދިފައިވަނީ، އިޒްރޭލުން އެއްބަސްވުމުގެ މުހިންމު މާއްދާތަކާ ޚިލާފުވެފައިވާ ކަމަށާއި، އެހެންކަމުން ހޮނިހިރު ދުވަހު އިތުރު ތިން މީހުން ދޫކުރުން ހުއްޓާލާފައިވާ ކަމަށް ހަމާސްއިން އިއުލާން ކުރުމާ ގުޅިގެންނެވެ.
"ހޮނިހިރު ދުވަހުގެ މެންދުރު 12:00 އަށް ހަމާސްއިން އިޒްރޭލުގެ ރަހީނުން ދޫނުކޮށްފިނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެ، އަދި އިޒްރޭލުގެ ސިފައިން އަލުން ގަދަފަދަ ހަނގުރާމައަކަށް އެނބުރި، ހަމާސް ފުރިހަމައަށް ބަލިކުރެވެންދެން ކުރިއަށްދާނެ،" ނަތަންޔާހޫ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ހަމާސްއިން ބުނެފައިވަނީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ މިންވަރު ވަނީ އެފަރާތުން އެއްބަސްވުމުގެ ބައިވެރިއެއްގެ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ހިސާބަށް ގޮސްފައި ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތާނގައި އިޒްރޭލުގެ ރަހީނުންގެ ގްރޫޕެއް ދޫކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރާނެ ކަމަށެވެ.
ނަތަންޔާހޫ އަންގާރަ ދުވަހު ކުރި ޓްވީޓްތަކެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ކުށް އަޅުވާފައިވަނީ ހަމާސްގެ ބޮލުގަ އެވެ.
މިހާތަނަށް، އެއްބަސްވުމުގެ ބައެއްގެ ގޮތުން، ހަމާސްއިން ވަނީ އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ސަތޭކަ އެތައް ފަލަސްޠީނު ރައްޔިތުންގެ ބަދަލުގައި 21 ރަހީނުން ދޫކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހުގެ ނިޔަލަށް 70 ރަހީނުން ދޫނުކޮށްފިނަމަ، އިޒްރޭލުން މުޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބާތިލުކުރަންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމާސްއިން މިކަމަށް އިޖާބަ ނުދީފިނަމަ، "ހުރިހާ ނުބައެއް ފެށިގެންދާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަހީނުން ގެއަށް ގެނެވޭނީ ހަމައެކަނި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްކޮށްގެން ކަމަށާއި، ޓްރަމްޕްގެ "އިންޒާރު" ބަލައިނުގަންނަ ކަމަށް ހަމާސްގެ އިސްވެރިއަކު ބުނެފައިވެ އެވެ.
"ޓްރަމްޕް ހަނދާން ކުރަންވާނެ، ދެފަރާތުން އިހުތިރާމްކުރަންޖެހޭ އެއްބަސްވުމެއް އެބައޮތް ކަން އަދި މިއީ ބަންދުގައި ތިބި މީހުން އަނބުރާ ގެނައުމުގެ ހަމައެކަނި ގޮތްކަން. އިންޒާރުގެ އެއްވެސް އަގެއް ނެތް، އަދި އެއިން ހަމައެކަނި ކަންތައްތައް އިތުރަށް އުނދަގޫވާނެ،" ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހްރީ ބުނެފައިވެ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުން މީހުންގެ އަދަދު 48,219 އަށް އަރާފައިވާ ކަމަށާއި 111,665 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތު މިނިސްޓްރީން ބުނެ އެވެ.