ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ރާވާފައިވާ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އައިއެމްއެފްއިން ވަނީ ދަރަންޏާއި ހަރަދުތަކުގެ ކަންބޮޑުވުންފާޅުކޮށް ކަންކަން ރަނގަޅުކުރަން ވަގުތު ނެތް ކަމަށް ބުނެފަ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ނިޒާމު ޑައިރެކްޓް ސަބްސިޑީގެ ނިޒާމަކަށް ބަދަލުކުރަން ހިމަނާފައިވާއިރު އެ ގޮތަށް އެކަން ބަދަލުކުރަންޖެހޭ ކަމަށް އައިއެމްއެފްގެ ވަފުދުން ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ފަށާފައިވާ އެސްއޯއީތަކާއި އާސަންދަ ނިޒާމު ރިފޯމްކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ.

އައިއެމްއެފްއިން އަންދާޒާ ކުރަނީ މި އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އިގުތިސޯދު ފަސް ޕަސެންޓު ކުރިއަރާނެ ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކާ އަޅައިބަލާއިރު، ރަނގަޅު ކުރިއެރުމެއް ކަމަށް ވެސް އައިއެމްއެފްއިން ފާހަގަކުރި އެވެ.

އެގޮތުން ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމާއެކީ މުޅި އިގުތިސޯދަށް ވެސް އޭގެ މަންފާ ލިބި ރަނގަޅު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަކަށް ވާއިރު، މި އަހަރުގެ ތެރޭގައި ވެލާނާ އެއާޕޯޓު ހުޅުވިއްޖެ ނަމަ އެ ކަމުގެ ފައިދާތައް ވެސް އިގުތިސޯދަށް ކުރާނެ ކަމަށް އައިއެމްއެފުން ބުންޏެވެ.

އައިއެމްއެފްއިން އެންމެ ބޮޑަށް ބާރު އަޅަނީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސްކުރުމަށެވެ.

މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުރިމަތިވާކަން އައިއެމްއެފް އިން ފާހަގަކުރި އެވެ. އެ ގޮތުން އިސްކަންދޭނެ މަޝްރޫއުތަކެއް ކަނޑައެޅުމަށާއި ބައެއް މަޝްރޫއުތައް ހުއްޓާލަން ނޫނީ ކުޑަކުރަންޖެހޭ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފަ އެވެ.

މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނީ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީއަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރުން އިތުރުވުމާ ގުޅިގެން ނިޒާމީ ގޮތުން މާލީ ދާއިރާގައި ހުރި ހިރާސް ބޮޑު ކަމަށް އައިއެމްއެފުން ފާހަގަކުރި އެވެ.

ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓުގައި ހުރިއިރު, މި މައްސަލަ ހައްލުކޮށް ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އައިއެމްއެފްގެ ވަފުދުން ފާހަގަކުރި އެވެ.