ރޯދަމަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ އިސްލާހުގައި މެންބަރު ވަނީ އަހަރުގެ ތެރޭގައި މަޖިލީހުގެ ތިން ދައުރު ބެހިގެންވާ ގޮތް ހާމަކުރައްވާފަ އެވެ.
އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި މެންބަރު ރިފާޢު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މިއަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6ވަނަ ދުވަހު އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރް ޖޫން އެކަކުން އޮގަސްޓު 15ގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލަން އިސްލާހެއް ހުށަހަޅުއްވާފައިވާއިރު އަންނަ މާޗު މަސް ދިމާވަނީ ރަމަޟާން މަހާ އެވެ.
ހުރިހާ މީހުން މަސައްކަތެއް ނުކޮށް މުސާރަ ނަގައިގެން ގޭގަ ތިބުން ވަރަށް ފައްކާވާނެ.
ރިޕްލައި