ގައުމު ހިންގަން ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުމަށް، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގޮވާލައްވައިފި އެވެ.

އިބްރާހީމް ދީދީ މި ގޮތަށް ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ އައިބީ ވިދާޅުވީ މިފަދަ ގާނޫނުތަކުން ފުލުހުންނާއި ވަޒީރުންނަށް އަދި ރައީސަށް ވެސް ބާރުތައް ދޭންވީ ކަމަށެވެ. ބާރު ދީގެން މައްސަލައެއް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހަމަ ހައްދުފަހަނައަޅާ ދާވަރަށް ބާރު" އައިބީ ވިދާޅުވި އެވެ.

މަޖިލީހުން ގާނޫނުތައް ފާސްކޮށް ނިންމާއިރު، އިދާރާތަކުން ގާނޫނު ތަންފީޒު ނުކުރާނަމަ ޖަވާބުދާރީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަރާތްތަކުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ނަމަ މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްލާހުތަކަކީ ބަޔަކަށް ބާރުތަކެއް ލިބިގެން ނާޖާއިޒު ފައިދާ ނަގަންޏާ އެކަން ހުއްޓުވަން އެ މައްސަލަ ބަލަން ވެސް ތިބީ މި މަޖިލީހުން ކަމަށް އައިބީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން ކުރީމަ ފުލުހުންނަށް ބާރު ދިނަސް، ލާހިކެއް ނޫން ފުލުހުންނަށް ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން. ގެންނަންވީ މަޖިލީހަށް. އެ ފުލުސް މީހާ ކަނޑާލެވޭނެ، ވަޒީރު ވެސް ކަނޑާލެވޭނެ މަޖިލީހުން، އެ ކަންކަން ނުބެލެންޏާ" އައިބީ ވިދާޅުވި އެވެ.

ޗައިނާ މިސާލެއްގެ ގޮތުން ނަންގަވާ އައިބީ ވިދާޅުވީ އެ ފަދަ ހުރިހާ ބާރެއް ރައީސަށް ދީފައިވުމުން ކުށް މަދު ގައުމެއްގެ ގޮތުގައި ޗައިނާ އޮންނަ ކަމަށެވެ.

"ހުދުމުހުތާރޭ ކިޔަނީ އެކަމަކު އެ ގައުމުތައް މާ އާމަން، މާ ތަރައްގީ، މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީ ނުހިނގާ މަގުތައް ހެދިފައި އޮތީ. ގައިމު ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ."

ހުރިހާ ބާރު ދީގެންވެސް ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށް އައިބީ ވިދާޅުވި އެވެ.