މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ހަމަތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އަލީ ހުސައިންގެ ވަކީލް މަހްފޫޒް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަހްފޫޒް ވިދާޅުވީ ދައުލަތުގެ ހުރީ ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށާއި އަދި ދައުލަތް ހިންގުމުގައި ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ބާރު އަޅާފައިނުވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
"ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ. ސިޔާސީ ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިނަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން،" މަހްފޫޒް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ ބާރު ސިޔާސީ ޕާޓީއަކަށް ދީފައިވާ ނަމަވެސް ރިޔާސީ ނިޒާމެއްގައި އެކަން އޮންނަނީ އެހެން ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލު ކުރުމުން، ސަރުކާރު އެކުލަވާލުމަށް ލިބޭ ބާރަށް ބަދަލުތަކެއް އަންނަ ނަމަވެސް ރިޔާސީ ނިޒާމެއްގައި ޕާޓީ ބަދަލު ކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީ ގޮތުން އަންނަ ހުރަހެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި މެމްބަރުން އިސްކަން ދޭންޖެހޭ ކަމަށް ބަޔާންކުރާ ރައްޔިތުންގެ މަސްލަހަތު އެއްފަރާތް ކުރުމަށްފަހު ޕާޓީގެ ފިކުރު އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފްވާތީ އެ އިސްލާހު ބާތިލްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުއްދަތާއި މަޖިލިސް މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އޭނާ އެދިވަޑައިގަތެވެ.
ސަބަބަކަށް އޭނާ ވިދާޅުވީ ގާނޫނު އައުމުގެ ކުރިން ހިނގާ ކަންކަމަށް ގާނޫނުގެ އުސޫލުތައް ނުހިނގާތީ އެވެ.
" ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ކިއީމާ މާނައަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ތިބި މެމްބަރުންގެ މައްޗަށް އެކަން ހިނގައިގެން ނުވާނެއޭ." މަހްފޫޒް ވިދާޅުވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.