މާލީ ހާލަތު ގޯސްވާތީ ރާއްޖޭގެ ހަރަދުކުޑަކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަނެއްކާ ވެސް މިއަދު ގޮވާލައިފި އެވެ.

މާލީ ހާލަތާ ގުޅޭ އަހަރީ ރިޕޯޓު ތައްޔާރުކުރަން މި މަހު ތިންވަނަ ދުވަހުން ފެށިގެން 16 އާ ހަމައަށް އައިއެމްއެފްގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް އެކުލަވައިލި ރިޕޯޓު އާންމުކޮށްފަ އެވެ. އަދި އޭގެ ފަހުން އެ ވަފުދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮދްސްރިވިބޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސަބަބުން އިގުތިސާދު ކުރިއަރާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުން ފަތުރުވެރިކަން ކުރިއަރާނެކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި އަހަރު އިންފްލޭޝަން ވެސް 2.3 އިންސައްތައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ރިޕޯޓުގައި އައިއެމްއެފުން ބުނީ، ދަރަނި ކުޑަވާން ނެތް ކަމަށާއި އެހެންކަމުން، ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ރާއްޖެއިން ގެންނަންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ވަރަށް އަވަހަށް މެކްރޯއިކޮނަމިކް ހަމަޖެހުމާއި ދަރަނި ހަމަޖައްސަން ރާއްޖެއިން ދަތުރުކުރަމުން އަންނަނީ ނާޒުކު ފައްތަރެއްގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖެއިން ފައިސާ ޗާޕުކުރުން ހުއްޓާލިކަން ފާހަގަކޮށް އެ ކަމާ ގުޅޭ ގާނޫނުތަކަށް ގެނައި ބަދަލުތަކަށް ވެސް އެ ބަޔާނުގައި މަރުޙަބާ ކިޔާފައިވެ އެވެ.

ނަމަވެސް، އިގުތިސޯދީ ހަމަޖެހުން ގެންނަން ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސޯދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އައިއެމްއެފްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އައިއެމްއެފުން ބުނީ، އާމްދަނީ އިތުރުކުރަން ސަރުކާރުން މިހާރު އަޅަމުން އަންނަ ފިޔަވަޅިތަކުގެ އިތުރުން ވީހާ ވެސް އަވަހަށް ހަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ކުންފުނިތައް ރިފޯމްކުރުމާއި އާސަންދަ ރިފޯމްކުރުން ވެސް އަވަސްކުރަން ގޮވާލާ ބަޔާނުގައިވަނީ ސަބްސިޑީތައް ޓާގެޓުކުރުމާއި ސީދާ ގޭބިސީތަކަށް ލިބޭ ގޮތަށް ބަދަލުކުރުން އަވަސްކުރަން ވެސް ގޮވާލައިފައިވެ އެވެ.

"ވިޔަފާރީގެ މާހައުލާއި ހިންގުން ރަނގަޅުކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ނިޒާމީ ރިފޯމްތައް ކުރިއަށް ގެންދިއުމަކީ، ކުރިއެރުން ދަމަހައްޓަން މުހިންމު އިސްލާހެއް،" އައިއެމްއެފް އިން ބުނެފައިވެ އެވެ.

އައިއެމްއެފުންމިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރަން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގޮވާލަމުންދާތާ އެތައް ދުވަހެއްވެފައި ވަނިކޮށެވެ. މާލީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.