ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް 7 ވަނަ ދުވަހު ފަށާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމައި އެކަޑެމިކް ކަލަންޑަރުގައި ވެސް ވަނީ ހިމަނައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
މީގެ ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގަ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން އެފަހަރުގެ ދިރާސީ އަހަރު ފަހަތަށް ސޮއްސާލުމާއެކު، ދިރާސީ އައު އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021ގައި ވަނީ ބަދަލުކޮށްފަ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރު އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ބުނެފަ އެވެ.